ކޮމިޝަނަރު އޮފް ޕޮލިސް ކަނޑައެޅުމުގެ ބާރު ޕްރޮމޯޝަން ބޯޑަށް، އައްޔަންކުރާނީ ހަތަރު އަހަރަށް!

މިހާރުގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު -- ފޮޓޯ / ރައީސް އޮފީސް

ފުލުހުންގެ ހިދުމަތް ހިންގާ ބަލަހައްޓާ އަމުރުކޮށް އެންގުންތައް އަންގާ ފުލުހުންގެ ހިދުމަތް ހިންގުމުގެ ޒިންމާ އުފުއްލަވާ ބޭފުޅެއްގެ ގޮތުގައި ހުންނަވާ ކޮމިޝަނަރު އޮފް ޕޮލިސް އައްޔަން ކުރުމުގެ ބާރު ފުލުހުންގެ ޕްރޮމޯޝަން ބޯޑަށް ލިބިދޭ ގޮތަށް އަލަށް އެކުލަވާލާފައިވާ ފުލުހުންގެ ބިލުގައި ހިމަނައިފިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ މި ބިލުގައި ބަޔާންކޮށްފައި ކޮމިޝަނަރު އޮފް ޕޮލިސްގެ ދައުރަކީ ހަތަރު އަހަރުގެ ދައުރެއް ކަމަށެވެ. އަދި އެ މަގާމުގައި ހުންނެވި ބޭފުޅާގެ ދައުރު ހަމަވެ އެ މަގާމަށް އިތުރު ބޭފުޅަކު އައްޔަން ކުރުމުގެ ބަދަލުގައި ކުރިން ހުންނެވި ކޮމިޝަނަރު އޮފް ޕޮލިސް މަގާމުގައި އިތުރު ދައުރަކަށް ބަހައްޓަން ފެނިއްޖެ ހިނދެއްގައި ހޯމް މިނިސްޓަރަށް އެ ބާރު ބިލުން ވަނީ ދީފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަކަށް އައްޔަން ކުރެވޭ ބޭފުޅާއަކީ ފުލުހުންގެ ހިދުމަތުގައި 15 އަހަރު އުޅުއްވާފައިވާ އަދި އެގްޒެކްޓިވް އޮފިސަރެއްގެ ގޮތުގައި މަދުވެގެން ތިން އަހަރު ހޭދަކުރައްވާފައިވާ ބޭފުޅަކަށް ވާންޖެހެއެވެ.

ޕްރޮމޯޝަން ބޯޑުން ކޮމިޝަނަރު އޮފް ޕޮލިސްއަށް ކުރިމަތިލާން ހުޅުވާލުމުން އެމަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތައުލީމާއި ތަމްރީނާއި ތަޖުރީބާ އަދި ސިއްހަތަށް ބަލާނެއެވެ.

މި މަގާމަށް ކުރިމަތިލާން ހުޅުވާލާނީ މި ބިލުގައި ބަޔާންކޮށްފައިވާ ޕްރޮމޯޝަން ބޯޑުންނެވެ. އަދި ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އެ ބޯޑުން އިންޓަވިއުވެސް ކުރާނެއެވެ. މީގެއިތުރުންވެސް އެ ބޯޑުން ކަނޑައަޅާ އިމްތިހާނުތައް ހެދުމަކީ ލާޒިމް ކަމެއްގެ ގޮތުގައި ބިލުގައި ވަނީ ހިމަނާފައެވެ.

ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ނަން ހުށަހަޅާ ފަރާތްތައް ޕްރޮމޯޝަން ބޯޑަށް ނަން ހުށަހެޅުމުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު މެދުވެރިކޮށް ކޮމިޝަނަރު ކަމަށް އެފަރާތްތައް ކަނޑައެޅުމުގެ ޝަރުތު ހަމަވޭތޯއާ އެ މަގާމަށް ކުރިމަތިލާފައި ތިބި ބޭފުޅުންނަކީ އަބުރުވެރި ބައެއްތޯއާ އެމަގާމަށް ކުރިމަތިލާފައިވާ ތިބި އެއްވެސް ބޭފުޅަކު އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށްވާ ނަމަ އެ ސަބަބުވެސް ހިމަނައިގެން އެ މަގާމަށް ކުރިމަތިލާފައިވާ ކޮންމެ ބޭފުޅަކާއި ގުޅޭ ރިޕޯޓެއް މި ދެތަނުން ޕްރޮމޯޝަން ބޯޑަށް ދޭންޖެހެއެވެ. އަދި އެ ރިޕޯޓު ހޯމް މިނިސްޓަރަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވާނެއެވެ.

މި ހުރިހާ ކަމަކަށް ބެލުމަށްފަހު ޕްރޮމޯޝަން ބޯޑުން ހޯމް މިނިސްޓަރަށް ނަންތަކެއް ދޭނެއެވެ. އަދި އެ ނަންތަކަށް ބެލުމަށްފަހު ކޮމިޝަނަރު އޮފް ޕޮލިސްއަށް ބޭފުޅަކު އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި މަގާމަށް އައްޔަން ކުރާ ބޭފުޅަކު އިސްތިއުފާ ދެއްވަން ބޭނުންވެއް ނަމަ ރައީސުލްޖުމްހޫރިއްޔާއަށް އެކަން ސިޓީއަކުން އަންގަންވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެބޭފުޅެއްގެ އިސްތިއުފާ ގަބޫލުކުރަންދެން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މަގާމުން ވަކިކުރެވެން އަންނަނީ ރައީސުލްޖުމްހޫރިއްޔާއަށް ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުންތަކެއްގެ މައްޗަށް ރިއާޔަތްކޮށެވެ.

އެގޮތުން ޖިނާއީ ކުށެއް ސާބިތުވިކަން ޝަރުއީ އެއްވެސް ކޯޓަކުން އެންގުމާއި ޖިނާއީ ކުށެއް ނުވަތަ ކޮރަޕްޝަންގެ އެއްވެސް ދައުވާއެއް އެބޭފުޅެއްގެ މައްޗަށް އުފުލުމުގެ ސަބަބުން މަގާމުގައި ދެމިހުރުން ރަނގަޅު ނޫން ކަމަށް ޕްރޮމޯޝަން ބޯޑުގެ ހަތަރުބައިކުޅަ ތިންބައި މެންބަރުންގެ ސިއްރު ވޯޓަކުން ނިންމުމެވެ. ނުވަތަ މި ބިލު ފާސްވެ ގާނޫނަކަށްވާ ހިސާބުން ފެށިގެން ހެދޭ ގަވާއިދެއްގެ ދަށުން އެމަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ސަސްޕެންޑު ކުރުމާއި ދިމާވާ ސިއްހީ ހާލަތާއި ހުރެ ވަޒީފާ އަދާކުރަން ނުކުޅެދުމާއި އެ މަގާމުގައި ހުންނެވި ބޭފުޅެއްގެ އަމިއްލަ ރުހުމުގައި ދައުލަތުގެ އެހެން މަގާމަކަށް ބަދަލުވުމާއި ނުވަތަ އައްޔަންކުމާއި ފުލުހުންގެ ތައުދީބީ ކުށެއް އެމަގާމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަވެސް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކި ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ހޯމް މިނިސްޓަރަށް ހުށަހެޅިދާނެއެވެ

Leave a Reply

Your email address will not be published. Required fields are marked *