އީޔޫއާ އެކުގައި އޮތް ގުޅުން މިހާރަށްވުރެ ބަދަހި ކުރަން ބޭނުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރާއްޖެއާ ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ އެކުގައި އޮތް ގުޅުން މިހާރަށްވުރެ ބަދަހި ކުރަން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފޮރ ސައުތް އޭޝިއާ އެންޑް ޕެސިފިކް، މިސް ޕައޯލާ ޕަމްޕަލޯނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ރައީސް ސޯލިހު ވަނީ ދިވެހިރާއްޖެއާ އީޔޫގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ޝައުގުވެރިކަން ފާޅުކުރައްވާ ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ރާއްޖެއާ އީޔޫގެ އިސްވެރިން ބައިވެރިވެ ވަޑައިގެން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައްދަލުވުމުގައި ދެފަރާތުގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވިދާނެ ދާއިރާތަކުގެމައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މަސްވެރިކަން ފުޅާކުރުމަށް މަސް އެކްޕޯޓު ކުރުމާއި، ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށްނަގާ ޓެކްހާ ގުޅޭކަންކަން އިތުރަށް ހަރުދަނާކުރުމާގުޅޭގޮތުން ޝަޢުގުވެރިކަންފާޅުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި މިސް ޕައޯލާ ޕަމްޕަލޯނީ ވަނީ ދަތުރުފަތުރުކުރުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން ޚާއްޞަކޮށް ވިސާގެ ޚިދުމަތް ދެވޭނެ ފަސޭހަގޮތްތަކެއް ހޯދައިދިނުމަށް މަޝްވަރާކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ “ވީ.އެފް.އެސް ގްލޯބަލް” އާ ގުޅިގެން ދިވެހިންނަށް ފަސޭހައިން ޔޫރަޕުގެ ޤައުމުތަކަށް ދަތުރުކުރެވޭނެ މަގުފަހިވެގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި މިސް ޕައޯލާ ޕަމްޕަލޯނީ ވަނީ ފާއިތުވި އަހަރު ރައީސުލްޖުމްހޫރިއްޔާގެ ހިންގެވުމުގެ ދަށުން ރާއްޖެއަށް ހާސިލްކުރެވިފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އަދި މި ކާމިޔާބީއަށް ހިތްވަރުދެއްވާ މިސް ޕައޯލާ ޕަމްޕަލޯނީ ވަނީ އީޔޫއިން ރާއްޖެއާއެކު ހިޔާލުއެއްގޮތްވާ ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކޮށްލެއްވުމުގައި ދެބޭފުޅުންވެސް ވަނީ އިތުރަށް ގުޅުން ބަދަހިކުރެވެންހުރި ދާއިރާތަކާ ބެހޭގޮތުންނާއި ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާ ބެހޭގޮތުނއމަޝްވަރާކުރައްވާފައެވެ. މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވާފައިވަނީ ރާއްޖެއާއި އީޔޫގެ މެންބަރު ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ދެފަރާތުގެ ޝަޢުގްވެރިކަން ފާޅުކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *