މަގާމުގައި ހުންނަވާ ޝިދާތާ އެޅުއްވީ ހަރުދަނާ ފިޔަވަޅުތަކެއް: އަދާލަު

މިނިސްޓަރު ޝިދާތާ/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަގާމުގައި ހުންނަވައިގެން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތަ ޝަރީފު ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

ޝިދާތާގެ ނިންމުމަށް ތައުރީފު ކުރައްވާ އަދާލަތު ޕާޓީގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖެންޑާ މިނިސްޓަރުކަމުގައި ޝިދާތާ ހުންނަވައިގެން ކުޑަކުދިންނާއި އަންހެނުންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މައްސަލާގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

ޝިދާތާގެ ނިންމުމަކީ ހިތްވަރުގަދަ ނިންމުމެއްކަން ފާހަގަކޮށް އަދާލަތު ޕާޓީން ބުނީ ޖެންޑާ މިނިސްޓަރުކަމުގައި ހުންނަވައިގެން ޝިދާތާ ގެންގުޅުނު އިހުލާސްތެރިކަމާއި ހަރުދަނާކަން އެޕާޓީން ބަލައިގަންނަ ކަމަށެވެ. އަދި ބުނީ ޝިދާތާ މަގާމުގައި ހުންނަވައިގެން އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ކާމިޔާބު ފިޔަވަޅުތަކެއް ކަމަށެވެ.

އިސްތިއުފާ ދެއްވުމަށްފަހު ޝިދާތާ ވެސް ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި އެކަމަނާ ވިދާޅުވީ ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ ދިވެހި ރައްޔިތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކުރާ އިތުބާރު ކުޑަވެގެން ހިނގައިދާނެތީ ކަމަށާއި މި ވޭތުވެދިޔަ ދުވަސްތަކުގައި ހިނގާދިޔަ އެއްވެސް ކަމަކަށް އިހުމާލުވެފައި ނޯންނާނެ ކަމަށެވެ.

“މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދިވެހި އަންހެނުންނާއި ކުޑަކުދިންނާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިމާވަމުންދާ ބޮޑެތި މައްސަލަތައް ހުރުމާއި އެކު އެފަދަ ކަންކަމަށް މީގެކުރިން އަޅާލެވިފައި ނުވާ މިންވަރަށް އަޅާލެވި ދެމެހެއްޓެވި ހައްލުތައް ހޯދުމަށް މަސައްކަތް ފެށިފައިވުން،” ޝިދާތާ ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު ކަން ކުރައްވަމުން ގެންދަވާ ޝިދާތާ ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާ އިސްތިއުފާ ދެއްވިއިރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕު (ޕީޖީ)އިން ވަނީ އޭނާ އެ މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމާފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.