ކޮރޯނާ ވައިރަސްއާ ގުޅިގެން އިތުރު ދިވެއްސެއް ކަރަންޓީން ކޮށްފި

ކޮރޯނާވައިރަސް އަށް ޝައްކުކުރެވޭ މީހުން ހޯދުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް ކެމެރާ ހަރުކޮށްފައި -- ފޮޓޯ/ އެޗްޕީއޭ

ކޮރޯނާ ވައިރަސްއާ ގުޅިގެން އިތުރު ދިވެއްސަކު ކަރަންޓީން ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިރޭ ބުނީ ކޮރޯނާ ވައިރަސްއާ ގުޅިގެން އިތުރު މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށާއި އެމީހާ ރާއްޖެއައީ މިމަހުގެ ހަވަނަ ދުވަހު ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަކީ ޗައިނާގެ ވެރިރަށް ބެއިޖިން އިން ދަތުރުކޮށް ރާއްޖެ އައި ދިވެއްސެކެވެ. އެމީހާ ރާއްޖެ އައި ދުވަހު ރައީސް އޮފީހުގައި ކޮރޯނާ ވައިރަސްއާ ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސްގެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންނާއި ވަނީ ބައްދަލުކުރައްވާފައެވެ. އެ ދުވަހު މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޗައިނާއިން އައިސްފައިވާ ދެ ދިވެއްސަކު ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުންވެސް ކަރަންޓީން ކޮށްފައިވަނީ ފަރުކޮޅުފުށީގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރަށް ކަރަންޓީން ކޮށްފައިވާ މީހާ ރާއްޖެ އައިސްފައިވަނީ ނޫސްވެރިންގެ ބައްދަލުވުމުގެ ފަހުންނެވެ. އެހެންކަމުން އެ މައުލޫމާތު އެ ދުވަހު ނޫސްވެރިންނާއި ހިއްސާ ކުރެވޭ ގޮތް ނުވީއެވެ.

ކަރަންޓީން ކޮށްފައިވާ މި މީހާގެ ހަށިގަނޑު ކޮރޯނާ ވައިރަހަށް ޝައްކުވާ އެއްވެސް ކަމެއް ނުފެނެއެވެ. އެހެންނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ގައިޑްލައިންތަކުގައިވާ ގޮތުގެ މަތިން އެމީހާވެސް 14 ދުވަހުގެ ކަރަންޓީނެއްގައި ބެހެއްޓީއެވެ.

ނޮވެލް ކޮރޯނާވައިރަސް ޖެހިފައި ހުރެދާނެކަމަށް ބެލެވޭ ފަރާތްތައް ދެނެގަތުމަށް ކުރިއަށްގެންދާ ސާވައިލެންސްގެ ދަށުން، ހަތް މީހަކު ޓެސްޓުކުރިއެވެ. މި މަހުގެ ތިންވަނަަ ދުވަހު އެޗްޕީއޭއިން ބުނީ ކޮރޯނާއަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި ހަތް މީހުންވެސް ދޫކޮށްލާފައިވާ ކަމަށެވެ.

އިތުރަށް ކަރަންޓީނުކުރި ތިން މީހުންނާއި އެކުގައި މިހާރު ކޮރޯނާ ވައިރަހާއި ގުޅިގެން ކަރަންޓީނު ކޮށްފައިވާ ތިބީ ތިން މީހުންނެވެ. މި ތިން މީހުންވެސް ކަރަންޓީންކޮށްފައި ތިބީ ފަރުކޮޅުފުށީގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.