ފެބްރުއަރީ 8: ޝުކުރުވެރިވާ ހާލު ރީކޯ ދެއްވީ ނަސޭހަތެއް!

ފެބްރުއަރީ 8ގައި ރީކޯ މޫސައަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެނީ --

ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު މާލެއާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން އެތަކެއް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ. އެ އަނިޔާތަކުގތެ ތެރެއިންވެސް އެންމެ ބޮޑު އަނިޔާއެއް ލިބިވަޑައިގަތީ ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ)އަށެވެ.

ފެބްރުއަރީ ހަތެއް އަދި އަށެއްގެ ހަނދާންތައް އިއްޔެއާ މިއަދު އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އަންނަނީ އާ ކުރަމުންނެވެ. އަދި އޭރު އަނިޔާވެރިވި މީހުންނަށް ހައްގު އަދަބު ދިނުމަށް މިއަދުވެސް އެމްޑީޕީގެ މެންބަރުން އަންނަނީ ގޮވާލަމުންނެވެ.

މޫސަ މިއަދު ވަނީ މި ދުވަހާއި ގުޅިގެން ދެ ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން މޫސަ ކުރެއްވި އެއް ޓްވީޓުގައި ވިދާޅުވީ ބޮޑު އަނިޔާއަކުން ސަލާމަތްވެވުނީތީ ޝުކުރު ކުރައްވާ ކަމަށެވެ. އަދި އެހީތެރިވި އެމްޑީޕީގެ ހުރިހާ އެކުވެރިންނާއި މަޖިލިސް މެންބަރުންނާއި އޭރުގެ ޕީޖީ ލީޑަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު ދަންނަވާ ކަމަށެވެ. އޭނާގެ އެ ޓްވީޓުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުގައި އެހީތެރިކަން ދެއްވި މިހާރުގެ ފޮރިން މިނިސްޓަރު އަދި 17ވަނަ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މޫސަ ދެވަނައަށް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ބަޣާވާތަކީ ލިބުނު ނަސްރެއްކަމާއި އެ އަނިޔާ އަކީ ދީނީ ހަނގުރާމައެއް ކަމައް ސިފަކުރާ "ބާޣީން" ވިސްނަންވީ މިއަދުގެ ހާލަތަށް ކަމަށެވެ. އޭގެ 8 އަހަރު ފަހުން މިއަދު އެކަމުގެ އަޑީގައި ތިބި މީހުން ތިބީ ކޮންތާކު ކޮން ހައިސިއްޔަތެއްގައި ކަމަށްވެސް ވިސްނުމަށް މޫސަ ވަނީ އެދިވަޑައިގެންފައެވެ.

"ސިޔާސީ ގޮތުން އެމްޑީޕީ ކިޔާހާ ލަވަޔަކައް ނަށަންޖެހިފަ މަގާމާ ބާރާ ބޭނުމިއްޔާ އަދި 4 އަހަރު ތިބެންޖެހިފައި. އަށް އަހަރުތެރޭ "ބާޣީން ބާޣީން ބާޣީންނާއި" ތަޅާފައި،" މޫސަ ވިދާޅުވިއެވެ.

ފެބްރުއަރީ 8އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމުން އެއީ "ބަޣާވާތެއް" ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާ ސީދާ ހަރަކާތަށް އެޕާޓީ ނިކުތް ދުވަހެވެ. އެ ދުވަހު ރާއްޖޭގެ އެތައް މިތަނުގައި ހުރި ސަރުކާރުގެ އެކި އިދާރާތަކެއް ވަނީ އަންދާލާފައެވެ. އެކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައެވެ.

Leave a Reply

Your email address will not be published. Required fields are marked *