ސިފައިންނަށް “ޕްރޮޓެކްޓިވް ގިއާ” ހޯދުމާއި ގުޅޭގޮތުން އިންޑިއާ އެކު މަޝްވަރާކޮށްފި

ދިވެހި ސިފައިންނަށް “ޕްރޮޓެކްޓިވް ގެއާ” ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގްއާ މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައި މިވަނީ ދާދިފަހުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުންވަނީ ދިވެހިރާއްޖެއާއި އިންޑިޔާ އާ ދެމެދު، ދިފާއީ އަދި އަސްކަރީ ރޮނގުން އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން، ނުރައްކާތެރި ހާލަތްތަކުގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބޭނުންކުރާ ޕްރޮޓެކްޓިވް ގިއަރ، ދިވެހި ގައުމީ ދިފާއީ ބާރުގެ ސިފައިންނަށް އިންޑިޔާއިން ފޯރު ކޮށްދިނުމާ ބެހޭގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

އަދި ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންދާ ޗައިނާގެ ވޫހާންގައި ތިބި ދިވެހިން އިވެކުއޭޓް ކުރުމުގައި އިންޑިޔާ ސަރުކާރުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެގައުމުގެ ސަރުކާރަށް މިނިސްޓަރު މާރިޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ. އިންޑިޔާއިން ކުރި ޓެސްޓުތަކުން ހާމަވާގޮތުގައި، މިހާތަނަށް ކޮރޯނާ ވައިރަސްއަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރު މާރިޔާ ވަނީ އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި، ދެގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގައި، އިންޑިޔާގެ ތިން ޗެނަލަކަށް މިނިސްޓަރު މާރިޔާވަނީ ބަސްދީގަތުމެއް ދެއްވާފައެވެ. ދޫރުދަރްޝަން އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެކަމަނާ ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ ދިފާއީ އަދި އަސްކަރީ ރޮނގުން ދެގައުމަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި، ދެގައުމުގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަކުރުމުގައި ދެގައުމުގެ ވިސްނުން އެއްގޮތްކަމަށެވެ. ވިއޯން ނިއުސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު މާރިޔާ ވަނީ، އެކަމަނާ އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، މިދިޔަ ޑިސެމްބަރުމަހު، އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރި “ސީޖީއެސް ކާމިޔާބު” ފަދަ އިތުރު އުޅަނދެއް ހޯދުމަށް ރާއްޖެއިން ޝައުޤުވެރިވާކަން އިންޑިޔާ ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިންޑިޔާ ސަރުކާރުގެ ފަރާތުން އެކަމަށް އެދެވޭ ޖަވާބެއް ލިބިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ސްޓްރެޓްނިއުސް ގްލޯބަލްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރ މާރިޔާ ވިދާޅުވީ، ރާއްޖެއިން އެދެފި ކޮންމެ ކަމެއްގައި އެއްބާރުލުން ދޭން އިންޑިޔާއިން އޮންނަނީ ތައްޔާރަށް ކަމަށާއި، ނިމިގެންދިޔަ ޑިފެންސް އެކްސްޕޯގައި ފެނުނު ޑްރޯން ޓެކްނޮލޮޖީ ފަދަ މޮޅު އުފެއްދުންތައް ރާއްޖޭގެ ކަނޑުތަކުގައި ބޭނުންކުރުމަށް ރާއްޖެއިން ޝައުގުވެރިވާކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.