ކައްޕި ގެއްލުނު ސަރަހައްދުން ފެނުނު ތަކެތީގައި ހުރީ ލެއެއް ނޫން: ފުލުހުން

މިދިޔަ މަހުގެ ހަ ވަނަ ދުވަހު ކ. ކަގި ކައިރިން ފަރަށް އެރި "ޓީޓީއެސް ފާން" ކިޔާ މުދާ އުފުލާ ދޯނީގައި ހުރި ކައްޕި ގެއްލުނު މައްސަލާގައި އެ ސަރަހައްދުގެ ކަނޑުގެ އަޑިން އެމްއެންޑީއެފްގެ ޑައިވަރުންނަށް ފެނިފައިވާ ތަކެތީގައި ހުރީ ލޭ ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކައްޕި ގެއްލުނު މައްސަލައާ ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް ބަޔާންތައް ނަގާފައިވާ ކަމަށެވެ. އަދި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ ހެކި ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމްއެންޑީއެފްއިން އެ ސަރަހައްދުގެ ކަނޑު އަޑިން ހޯދާފައިވާ ތުވާއްޔާއި ވަޅީގައި ހުރީ ލޭ ނޫންކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އެ ތަކެތީގައި ހުރީ ދަވާދާއި ގުލޫ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ކަނޑުގެ އަޑިން ހޯދުނު ތަކެއްޗާއި ގެއްލުނު ކައްޕިއާ އެއްވެސް ގުޅުމެއް ވޭތޯ ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން މިހާތަނަށް ބެލި ބެލުމުން އެ ދޯނީގައި ތިބި ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އެ ދޯނީގައި ތިބި މީހުންނާއިވެސް މި މައްސަލައާ ގުޅިގެން ސުވާލު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ގެއްލިގެން ހޯދާ ކައްޕިއަކީ ހދ. ކުޅުދުއްފުށި، ހަވީރީ ނާޒް، މުހައްމަދު ޔޫސުފު 37 އެވެ.

އެމްއެންޑީއެފްގެ ޑައިވަރުން ހޯދާފައިވާ ތަކެތީގެ ތެރެއިން ތުވާލި ފެނިފައިވަނީ 48 މީޓަރު އަޑިންނެވެ. އަދި ހޯދާފައިވާ ވަޅި ފެނިފައިވަނީ ޑަސްބިން ކޮތަޅެއްގެ ތެރެއިންނެވެ. އެ ޑަސްބިން ކޮތަޅު ހޯދާފައިވަނީ 41 މީޓަރު އަޑިންނެވެ.
ގެއްލުނު ކައްޕީގެ ފޯނާއި ދަބަސް ދޯނީގައި އޮތް ކަމަށް އެމްއެންޑީއެފްއިން މީގެކުރިން ބުނެފައިވެއެވެ

ހިޔާލު ދެއްވާ!

Your email address will not be published.