ބަދު އަހުލާގީ މަންޒަރު ފެންނަ ވީޑިއޯތައް އާންމު ނުކުރަން އެދުމެއް!

ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެކުދިންގެ ވީޑިއޯއާއި ފޮޓޯފަދަ މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުނުކުރުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީން މިހެން ބުނެފައިވަނީ، ދާދިފަހުން ކުޑަ ދެކުއްޖެއްގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ. އެ ވީޑިއޯއިން ފެންނަނީ ބެލްކަންޏެއްގައި ތިބި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ކުޑަ ދެކުދިން އެތަނުގައި ތިބެ ކުރަމުން ދިޔައީ ބަދުއަހުލާގީ އަމަލެކެވެ. އަދި ވަކިން ހާއްސަކޮށް އެފަދަ އުމުރެއްގައި އެފަދަ ކަމެއް ކުރާތަން ރާއްޖެއިން ފެނިގެން ދިޔަ މިއީ ފުރަތަމަ ފަހަރެވެ.

ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެކުދިން ދެނެގަނެވޭނެފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މައުލޫމާތު އާންމުކޮށް، އިތުރަށް ވިކްޓިމައިޒް ކުރުމުގެ ބަދަލުގައި އެ ބާވަތުގެ މައްސަލަތައް ފުލުހުންނަށާއި، މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1412 އަށް ގުޅުއްވައި ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފަ އެވެ.

މިކަމާއި ގުޅިގެން ފުލުހުން ކުރި ޓުވީޓުގައި ބުނެފައިވަނީ، ކުޑަކުދިންނާއި ގުޅޭ އެފަދަަ ވީޑިއޯތައް ރިކޯޑްކޮށް އާންމުންނަށް ފެނޭނެހެން ސޯޝަލް މީޑިއާއަށް ދޫކުރުމުގެ ބަދަލުގައި، ސީދާ ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކުރުމަށް އެދިފައެވެ. އަދި އެފަދަ ވީޑިއޯތައް އާންމުވުމުގެ ސަބަބުން ކުއްޖާއަށްވެސް ވަރަށް ނޭދެވޭ އަސަރުތައް ކުރާނެކަމަށް ފުލުހުން ބުނެއެވެ.

މިފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައްވަނީ ފެންމަތިވެފައެވެ. އެގޮތުން ބައެއް ކުދިންގެ ވީޑިއޯ ތަކާއި، ވީޑިއޯ ރިކޯޑިންގްތައްވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.