އިތުރު 5،000 ވެކްސިން މިއަދު ރާއްޖެ ގެނެސްފި

ރާއްޖޭގައި ކޮވިޑް އިން ރައްކާތެރިވުމަށް ޖަހަމުން ގެންދާ ކޮވިޝީލްޑް ވެކްސިން: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ޖަހަމުން ގެންދާ ވެކްސިންގެ ތެރެއިން އިތުރު 5،000 ވެކްސިން ރާއްޖެ އަށް މިއަދު ގެނެސްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ރާއްޖެ އަށް 5،000 ވެކްސިން އައިސްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް ދެއްވާނީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެކަމުގެ ތަފްސީލް ހޯދާލުމަށް “ހަތާވީސް” އިން އެޗްއީއޯސީ އަށް ގުޅާލުމުން އެކަމުގެ މައުލޫމާތު ފަހުން އާއްމު ކުރާނެ ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން އެއީ ކޮން ނަމެއް ކިޔާ ވެކްސިނެއް ކަމާއި އަދި އެއީ ކޮން ގައުމަކުން ގެނައި ވެކްސިނެއް ކަމެއް ސާފު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

އިތުރު 5،000 ވެކްސިން ރާއްޖެ އަށް މިއަދު ލިބިފައިވާއިރު މީގެކުރިން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައި ވަނީ ޗައިނާގެ ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒް ރާއްޖެ އަށް ލިބިފައިވާ ކަމަށެވެ.

ރާއްޖެއިން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޮވިޑް19 ވެކްސިން އަންނަނީ ޖަހަމުންނެވެ. އެއީ އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިހާތަނަށް އެ ވެކްސިން ވަނީ 17،000 އަށްވުރެ ގިނަ މީހުން ޖަހައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.