ޝިޔާމްގެ ތުހުމަތު، އަލީ ވަހީދު ފުރުވާލީ “ރާވައިގެން”

ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް: ފޮޓޯ / މަޖިލިސް

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހަތް ދައުވާއެއް ލިބޭ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލުމުން، އިއްޔެ އަލީ ވަހީދު ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ވަޑައިގެންނެވުމަކީ “ރާވައިގެން” ހިންގި ކަމެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ ކުދިކުދި އެހެން ކުށްތައް ކޮށްފައިވާ ފަރާތްތަކުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވޭ ފަރާތްތައް މި ސަރުކާރުގެ ވަޒީރުކަން ކުރެއްވި ފަރާތްތަކަށް އެހާ ފަސޭހައިން ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭނީ ރާވައިގެން އެކަން ކުރުމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލީ ބޭސްފަރުވާއަށެވެ. އަލީ ވަހީދަށް ކުރާ ދައުވާތަކުގެ އަޑުއެހުން އިއްޔެ ކްރިމިނަލް ކޯޓުގައި އޮތެވެ. ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ދައުވާތަކުގެ އަޑުއެހުމުގައި ބޭސްފަރުވާއަށް އޭނާ ފުރަންޖެހޭ ސަބަބު ވިދާޅުވި ކަމަށްވެއެވެ. އަދި ޑޮކްޓަރުގެ ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމަށްފަހު، އޭނާގެ ޕާސްޕޯޓް ދޫކޮށްލަން ގާޒީ ވަނީ އަމުރުކުރައްވާފައެވެ.

އެއާއެކު އިއްޔެ ހަވީރުގެ ވަގުތެއްގައި އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ފުރައިވަޑައިގެންފައެވެ.

ޝިޔާމް ވިދާޅުވީ އަލީ ވަހީދު ފުރުވާލީ “ހިތުން ރައްޔިތުންނަށް ނޭނގޭނެ ކަމަށް” ހީކޮށް ކަމަށެވެ. އޭނާ ވިދާޅުވީ ޖިންސީ ފުރައްސާރަ ކުރާ މީހުން ތިބެނީ ރާއްޖޭގެ އެންމެ މަތީ އޮފީހުގައި ކަމަށެވެ.

އަލީ ވަހީދަށް ކުރާ ހަތް ދައުވާއަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.