ބަރަހަނާ ވެކްސައިޓުތަކަށް ރާއްޖޭގައި ނުވަދެވޭ ގޮތް ހަދައިފިނަމަ، ދިރާގާއި އުރީދޫގެ އާމްދަނީ ދަށްވާނެ ކަމަށާއި ދިރާގާއި އުރީދޫއިން އެ ވިޔަފާރިން ބޮޑު އާންދަނީއެއް ހޯދަމުންދާ ކަމަށް ވިދާޅުވެ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.
ބޮންޑޭ އެގޮތަށް ވިދާޅުވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބޮންޑޭ ވަނީ މުވާސަލާތީ ހިދުމަތް ދެމުންދާ ދިރާގާއި އުރީދޫއަށް ތުހުމަތުކޮށް، ވާހަކަތަކެއް ފެންމަތި ކުރައްވާފައެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އިންޓަނެޓް މެދުވެރިކޮށް ބަރަހަނާ ވެބްސައިޓުތަކަށް ވަދެވޭ ގޮތް ހަދައިގެން، ދިރާގައި އުރީދޫއިން ބޮޑު އާމްދަނީއެއް ހޯދަމުންދާ ކަމަށާއި އަހަރެއްގެ މައްޗަށް އެގޮތަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަމުންދާ ކަމަށެވެ.
“ދިރާގާއި ވަތަނިއްޔާ [އުރީދޫ]އަށް ލިބޭ އާންދަނީ މަދުވާނެ، ސައިޓުތަކަށް [ބަރަހަނާ ވެބްސައިޓް] ވަންނަން ބްލޮކުކޮށްފިއްޔާ. 200 މިލިއަން މަދުވާނެ. 200 މިލިއަން އެބަހަރަދުކުރޭ އެ ތަންތަނަށް ވަންނަން. 200 މިލިއަން ރުފިޔާ ހަރަދު އެބަކުރެއޭ،” ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުގެ އިދާރާތަކުގެ އިންޓަނެޓް ހިދުމަތް ބޭނުންކޮށްގެން ބަރަހަނާ ވެކްސައިޓުތަކަށް ވަންނަ މީހުން ގިނަ ކަމަށާއި ރާއްޖެއިން ވަންނަ މީހުންގެ 60 ޕަސެންޓަކީ ސަރުކާރުގެ އިދާރާތަކުން ވަންނަ މީހުން ކަމަށެވެ.
ސައްތައިން ސައްތަ އިސްލާމުންނޭ ބުނާއިރު، ކޮންމެ މީހެއްގެ ފޯނުން ވަދެގެން އުޅޭތަން ބަލަންޖެހޭ ކަމަށާއި އިސްލާމިކް މިިނިސްޓްރީން އެކަން ބަލައި ފިޔަވަޅު އެޅުމަށް ބޮންޑޭ ގޮވާލެއްވިއެވެ.
“ކުރާ ކަންތައްތައް އެބަފެނެއޭ. ހަގީގަތަށް ވާހަކަ ދައްކަންވީ. އީމާންތެރިކަމަކީ ތިމާ އާއި އެކަލާންގެއާ އޮތް ގުޅުން. ތިމާ ދީނަށް އުޅޭކަމަކަށް ނުވާނެ، ތިމާ ދައްކާ ހަމައެކަނި ވާހަކައިން. އަމަލުން ދައްކަން ޖެހޭނީ،” ބޮންޑޭ ވިދާޅުވިއެވެ.
ރާއްޖޭގެ މުއާސަލާތީ ހިދުމަތުގެ ފެންވަރު ދަށްވުމާ ގުޅިގެން ބޮންޑޭ ވަނީ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވާފައެވެ. އެ ގަރާރުގައި ގޮވާލާފައި ވަނީ މުއާސަލާތީ ހިދުމަތްތައް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުކުރެވިފައިވާ ފަރާތުން، ޤާނޫނުތަކަށް ބެލުމެއްނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާގޮތަށް ކަންތައްތަކެއްކޮށްފައިވާ ކަމާއި އެކަން ހުއްޓުވުމަށެވެ. އެ މައްސަލާގައި މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިސްތިއުފާއަށް އެމްޑީޕީ މެމްބަރުން އިއްޔެ ވެސް ވަނީ ގޮވާލައްވާފައެވެ.