ޓޫރިޒަމްގެ ޝޯ ހުށަހަޅައިދިން މައްސަލާގައި މަރީ ކޮމެޓީއަށް ހާޒިރުކުރަނީ

މަރީ-

ޓޫރިޒަމް މިނިސްޓްރީން އިންތިޒާމް ކޮށްގެން ބޭއްވި ހަފްލާއެއް ހުށަހަޅައިން މައްސަލައެއްގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް ހާޒިިރު ކުރުމަށް ނިންމައިފިއެވެ.

މަރިޔަމް ވަހީދާ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމާފައިވަނީ އަންނަ ބުދަ ދުވަހުއެވެ. އޭނާ ޓޫރިޒަމް މިނިސްޓްރީގެ ހަފްލާއެއް ހުށަހަޅާ ދިނުމުން ގިނަބައެއްގެ ފާޑު ކިޔުންތައް އެކަމުގައި އޭނާއަށް އަމާޒުވިއެވެ. އަދި ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ އެ މައްސަލަ މަޖިލީހުން ބަލާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭރު މަޖިލިސް އޮތީ ޗުއްޓީގައެވެ. އެހެންކަމުން ރޮޒެއިނާ ވިދާޅުވީ މަރިޔަމް ވަހީދާގެ މައްސަލަ މަޖިލިސް ހުޅުވުމުން ބަލާނެ ކަމަށެވެ.

މަރީ އެ ހަފްލާ ހުށަހަޅައިދިނުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުމުރުން ދުވަސްވީ މީހުންނާ ރައީސް ބައްދަލުކުރައްވަން ރައީސް އޮފީހުން ރަސްފަންނުގައި ބޭއްވި ހަފްލާއެއްގައި، ބްރޯޑްކާސްޓިން ކޮމިޝަންގެ އޭރުގެ މެމްބަރަކަށް ހުންނެވި ފާތުމަތު ޒައިނާ ގޮނޑި ޖަހަން އުޅުއްވާ މަންޒަރު އާންމުވެ އެކަމާ ގުޅިގެން މަޖިލީހުގެ މި ދައުރުގައި އޭނާ ކޮމިޝަންގެ މެމްބަރުކަމުން ދުރުކޮށްފައި ވާތީއެވެ.

އަދި މި ސަރުކާރުގައި އެފަދަ ކަމެއް ކުރުމުން އެއީ ފިޔަވަޅު އަޅަންޖެހޭ ކަމަކަށް ނުވަނީތޯ ބުނެ ގިނަބަޔަކު އެކަމުގައި ސުވާލުތައް އުފެއްދިއެވެ. އެ މައްސަލާގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނިކުންނެވީ މަރިޔަމް ވަހީދާގެ ދިފާއުގައެވެ.

އޭނާ ވިދާޅުވީ މަރީ އެ ހަފްލާ ހުށަހަޅައިދިނުމަކީ މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުކަމެއް ނޫންކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.