އައްޑޫ ސިޓީ އިން ކޮވިޑް19 ފެތުރިފައި ވާތީ އެ ސިޓީގެ އެއްވެސް ރަށަކުން ފުވައްމުލަކަށް ގޮސްފައިވާ ފަރާތެއްވާ ނަމަ ހޯމް އައިސޮލޭޝަންގައި ހުރުމަށް ފުވައްމުލަކު ސިޓީ ކައުންސިލް އިން އެދިއްޖެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް އިން ބުނީ، އައްޑޫ ސިޓީއަށް ދަތުރުކޮށްފައިވާ ފުވައްމުލަކު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި 14 ދުވަހު ހޯމް ކަރަންޓީނުގައި ހުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ފްލޫ ކްލިނިކަށް ދެއްކުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އައްޑޫ ސިޓީގެ ގަމުގައި ބޭއްވި ޓްރެއިނިން ޕްރޮގްރާމެއްގައި ބައިވެރިވި މީހުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އުފެދުނު ކްލަސްޓާ އިން މިއަދުވެސް ބަޔަކު ވަނީ ޕޮޒިޓިވްވެފައެވެ.
މި ކްލަސްޓާ އިން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހުންނަކީ ހިތަދޫ ދެ މީހެކެވެ. އެ ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކުމުން ކަމަށް އައްޑޫ ސިޓީ ކައުންސިލް އިން މީގެކުރިން ބުންޏެވެ. އެ ކްލަސްޓާއާ ގުޅިގެން އިތުރު ބަޔަކު ޕޮޒިޓިވްވެފައިވާއިރު މިއަދު ޕޮޒިޓިވްވެފައި ވަނީ ތިން މީހަކު ކަމަށް އައްޑޫ ސިޓީ ކައުންސިލް އިން މައުލޫމާތުދެއެވެ.
މިއާއެކު އައްޑޫ ސިޓީ އިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 18އަށް އަރައިފައެވެ. އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު ސޯބެ މީގެކުރިން ވިދާޅުވީ ވީހާވެސް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަން ދިނުމަށް ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ. އައްޑޫ ސިޓީ ކައުންސިލް އިން އަންނަނީ މި ކޭސްތަކާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ.