ކުޅުންތެރިންގެ މުސާރައަށް ގެނައި ހެޔޮ ބަދަލާއެކު ދީމާ ހުޅުމާލެއިން ފްލެޓެއް ގަނެފި!

ދީމާ/ ފޮޓޯ: ޓުވީޓާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މުސާރައަށް ގެނައި ހެޔޮ ބަދަލާއި އެކު ރާއްޖޭގައި މިވަގުތު ހުރި އެންމެ ހަގު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަމިއްލަ އެޕާޓުމަންޓެއް ގަނެފިއެވެ.

އުމުރުން އެންމެ 12 އަހަރުގެ ދީމާއަކީ، މޮރިޝަސްގައި ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާއެވެ. އެނގިފައިވާ ގޮތުގައި ދީމާ އެޕާޓްމަންޓް ގަނެފައިވަނީ ހުޅުމާލެއިން ނެވެ.

ޔޫތް މިނިސްޓަރު އަހްމްދް މަހްލޫފް މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ނޭޝަނަލް ޓީމުގެ މުސާރައާއި ޕްރައިޒް މަނީ އިން ދީމާ އޭނާގެ އަމިއްލަ އެޕާޓްމަންޓެއް ގަނެފައިވާ ކަމަށް ދީމާގެ ބައްފަ މަހްލޫފު ގާތުގައި ވިދާޅުވެފައިވާ ކަމަށެވެ.

އަދި ރައީސް ސޯލިހް ކުޅިވަރުގެ ސިޔާސަތަށް ގެނައި ބަދަލާއެކު، އެފަދަ ހެޔޮ ބަދަލެއް ކުޅިވަރުގެ ދާއިރާއަށް އަންނަތަން ފެނުމަކީ ފަޙުރުވެރިވާކަމެއް ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

ރާއްޖޭގެ އިތުރުން ލަންކާގެ ގިނަ މުބާރާތްތަކެއް ވެސް ކާމިޔާބުކޮށްފައިވާ ދީމާ އަކީ މިދިޔަ މެއި މަހު ސްވިޑެންގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވި އެންމެ ހަގު ކުއްޖާގެ މަގާމު ހޯދައި އެ މުބާރާތުގެ ތާރީހުން ޖާގަ ހޯދާފައިވާ ކުޅުންތެރިއެކެވެ.

އަދި އެންމެފަހުން މޮރިޝަސްގައި ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ދީމާ ވަނީ ތިން ރަން މެޑަލް ހޯދާ ދިވެހި ކުޅިވަރުގެ ތާރީހުން ވެސް ޖާގަ ހޯދާފައެވެ. އެގޮތުން މި ކާމިޔޔާބީއާއެކު ދީމާ ވެގެން ގޮސްފައިވަނީ ބައިނަލްއަގްވާމީ ކުޅިވަރު ގޭމްސްތަކުގައި ރާއްޖޭގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އަށެވެ.

އައިއޯއައިޖީގައި ދީމާ ރަން މެޑަލް ހޯދީ ޓީޓީގެ ވިމެންސް ސިންގަލްސް އާއި ވިމެންސް ޑަބަލްސް އާއި ވިމެންސް ޓީމު އިވެންޓުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *