ލިވަޕޫލް ބަލިކޮށް، އެއްވަނާގައި ސިޓީ ލީޑު ފުޅާކޮށްފި

ސިޓީ އަދި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ/ ސިޓީ

ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ 1-4 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް، މެންޗެސްޓަރ ސިޓީ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.
ލިވަޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުންވެސް ދިޔައީ އިދިކޮޅު ޓީމުގެ ހާފަށް ބާރުބޮޑުކޮށް، ހަމަލާ އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައް ދެޓީމުންވެސް ދިޔައީ ހޯދަމުންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި ލިބުނު މި ޕެނަލްޓީ ގުންޑޮގަން ޖެހީ ގޯލު ދަނޑިމަތިން ބޭރަށެވެ.

ނަމަވެސް ދެވަނަ ހާފް ފެށިގެން ހަތަރުވަނަ މިނެޓު ތެރޭގައި ސިޓީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގައި ޕެނަލްޓީ ބޭކާރުކޮށްލި ގުންޑޮގަންއެވެ.

ސިޓީ ލީޑުގައި އޮއްވައި، 63 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ އެޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހްއެވެ.

ނަމަވެސް 73 ވަނަ މިނެޓުގައި ގުންޑޮގަން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ސިޓީއަށް މެޗުގެ ލީޑު އަނބުރާ ހޯދައިދީފައެވެ. އޭގެ ތިން މިނެޓު ފަހުން ސޓީއަށް ލީޑު ފުޅާކޮށްދިނީ ރަހީމް ސްޓާލިންއެވެ. މެޗު ނިމުމުގެ ކުރިން ސިޓީގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ފޮޑެންއެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު 22 މެޗުން ލިބުނު 50 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ލިވަޕޫލް އޮތީ 10 ޕޮއިންޓްގެ ފަރަގަކާއެކު، ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައެވެ. ދެވަނައިގައި 45 ޕޮއިންޓާއެކު ޔުނައިޓެޑު އޮތްއިރު، ތިންވަނައިގައި އޮތީ 43 ޕޮއިންޓާއެކު ލެސްޓާ ސިޓީއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.