ފެބްރުއަރީ 8: މަގުމައްޗަށް ނިކުތީ އަލުން އަނބުރާ ވެރިކަން ހޯދަން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު-

ދެހާސް ބާރަވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު އެމްޑީޕީން މަގުމައްޗަށް ނިކުތީ އަލުން އަނބުރާ ރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ހޯދުމަށް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަށެއް ފެބްރުއަރީގެ ހަނދާންތައް އާ ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 8 ފެބްރުއަރީގައި އެމްޑީޕީގެ ގައުމީ މަޖިލިސް އެއްވެ އޭރު އޮތް އެމްޑީޕީގެ ވެރިކަން ވައްޓާލީ ބަގާވާތަކުންކަން ނިންމި ކަމަށެވެ. އަދި އަލުން އަނބުރާ ވެރިކަން ހޯދުމަށް މަގުމައްޗަށް ނިކުތުމަށް އެމްޑީޕީން ނިންމި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމާއި އަދި ޖީއެމްއާރަށް ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދިނުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާއިންނެވެ. އެގޮތުން އެ މުޒާހަރާތައް ކޮންޓްރޯލް ނުވެ ސަލާމަތީ ބާރުތަކުންވެސް އެކަމުގައި ރައީސް ނަޝީދަށް އެއްބާރުލުން ނުދޭ ހިސާބަށް ކަންކަން ދިއުމުން ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއެވެ.

އެހެންނަމަވެސް ޖެހިގެން އައި ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު އެމްޑީޕީން މާލޭގެ މަގުތައް ފުރާލީ ހަތެއް ފެބްރުއަރީގައި ހިނގާދިޔަ ކަންކަން ގަބޫލުކުރަން ބޭނުން ނުވާތީއެވެ. މުޒާހަރާގެ އިސްކޮށް މިހާރު ސަރުކާރުގެ އިސްވެރިން ތިއްބެވިއެވެ. އަދި އެދުވަހު މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްޑީޕީން އެއްވިއެވެ. އެ އެއްވުމުގެ ތެރެއިން ދައުލަތުގެ މުއައްސަސާތަކަށްވެސް އެތަކެއް ގެއްލުންތަކެއް ލިބިގެން ދިޔައެވެ. އަދި ހަމައެއާއެކު އެތައް ބަޔަކަށް އެތައް އަނިޔާތަކެއް އެ އެއްވުމުގެ ތެރެއިން ލިބިގެން ދިޔައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.