ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖެއިން ދޭން ފަށާފައިވާ ވެކްސިން ޖެހި މީހުންގެ އަދަދު 10،000 އާއި ގާތްކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިން ބުނީ ރާއްޖޭގައި ޖަހަން ފެށި ވެކްސިން މިއަދުވެސް ގިނަ ބަޔަކު ޖަހާފައިވާ ކަމަށެވެ. އެގޮތުން މިއަދު ވެކްސިން ޖަހާފައިވަނީ ޖުމްލަ 2،898 މީހުންނެވެ.
މާލެ ސަރަހައްދުގައި ހުންނަ ވެކްސިނޭޝަން ސެންޓަރުން މިއަދު ވެކްސިން ޖަހާފައިވާ އަދަދަކީ 2،375 މީހުންނެވެ. މާލެ އޭރިއާގައި ހުންނަ ވެކްސިނޭޝަން ސެންޓަރުން ކޮވިޑް ވެކްސިން ޖަހާފައިވަނީ ޖުމްލަ 7،963 މީހުންނެވެ. ރަށްތަކުން މިއަދު ވަނީ 523 މީހަކު ވެކްސިން ޖަހާފައެވެ.
މިއާއެކު މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދަކީ 9،752 މީހުން ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. އެޗްޕީއޭ އިން ބުނީ ރާއްޖެއިން ކޮވިޑަށް މިއަދުވެސް ގިނަ ބަޔަކު ޕޮޒިޓިވްވި ކަމަށެވެ.
އެގޮތުން މިއަދު ރާއްޖެއިން 127 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެތެރެއިން 92 މީހުންނަކީ މާލެ ސަރަހައްދުން މި ބައްޔަށް ޕޮޒިޓިވްވި މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. ރަށްތަކުން 15 މީހަކު ޕޮޒިޓިވްވިއިރު ރިސޯޓުތަކުން 13 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ހަދަމުން އަންނަ ރިސޯޓުތަކުން ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 16،783 އަށް ވަނީ އަރާފައެވެ. އަދި މިހާރު ބަލި ޖެހިގެން ފަރުވާ ދޭ މީހުންގެ އަދަދު 2،117 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިވަގުތު ބަލި ޖެހިގެން ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން 207 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މި ބަލީގައި މިހާތަނަށް 55 މީހަކު ވަނީ މަރުވެފައެވެ.