ބަލީގެ އަލާމާތްތައް ހުންނަ މީހުން މިސްކިތަށް ނުދިއުމަށް އިލްތިމާސްކޮށްފި

އިސްލާމީ މަރުކަޒުގައި މީގެކުރިން ބޭއްވި ހުކުރު ނަމާދެއްގެ ތެރެއިން: ފޮޓޯ / ހަތާވީސް

ކޮވިޑް19 ބަލީގެ އަލާމާތްތައް ހުންނަ މީހުން ނަމާދަށް މިސްކިތަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީ އިން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް19 އާއި ގުޅިގެން މިސްކިތަށް ދިއުމުގައި ވަކި ކަންތައްތަކަށް އިސްކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން މިސްކިތަށް ދާއިރު މާސްކު އެޅުމާއި ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމުގެ އިތުރުން އަމިއްލަ އަށް މުސައްލަ ގެންދިއުމާއި އެހެން މީހެއްގެ މުސައްލަ މަތީގައި ނަމާދު ނުކުރުމަށް އެ މިނިސްޓްރީ އިން ވަނީ އަންގާފައެވެ.

މިސްކިތަށް ވަނުމާއި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށާއި ނަމާދަށް ފަހު މިސްކިތުގައި މަޑު ނުކުރުމަށް އެ މިނިސްޓްރީ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މިސްކިތުގައި އަތާ އަތް ޖޯޑުކޮށް ސަލާމް ނުކުރުމަށާއި ފުއްޕާމޭގެ ބަލިތަކާއި ރޯގާ ޖެހިފައިވާ މީހުންނާއި ކެއްސާ މީހުން އަދި އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނުދިއުމަށް ވެސް އެ މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެ މިނިސްޓްރީ އިން ވަނީ މުދިމުންނާއި ވެސް ބައްދަލުކޮށް އިރުޝާދުތަކަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މިސްކިތްތަކަށް ނަމާދަށް ވަޑައިގަންނަވާއިރު އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާއި އެއްގޮަތަށް ޢަމަލުތައް ބެހެއްޓުމަށް ޢާއްމުންނަށް އިތުރަށް ނަޞޭޙަތްތެރިވުމަށް ވަނީ އިމާމުންނަށް އަންގާފައެވެ.

އެގޮތުން ހުރިހައި ބޭފުޅުންވެސް މިސްކިތަށް ވަޑައިގަންނަވާއިރު މާސްކް އަޅުއްވަި އަދި މުސައްލައެއް ހިއްޕަވައިގެން ވަޑައިގަތުމަށް ކުރިއަށްވުރެ ބޮޑަށް ބާރު އެޅުމަށްވަނީ އަންގާފައެވެ. ޢާއްމު ސަލާމަތާއި ރައްކާތެރިކަމަށާއި އެންމެންގެ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކަށް ހުރިހައި ބޭފުޅުންވެސް އެއްބާރުލުންދީ އެކަންކަމަށް އިތުރަށް ސަމާލުވުމަށްވަނީ އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.