އެންމެ ގިނަ ގޮންޖެހުންތައް ކުރިމަތިވި ވެރިޔަކީ ޔާމީން، ދެއްކި ހިތްވަރަށް ސާބަސް: ޑރ. ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް-

އެންމެ ގިނަ ގޮންޖެހުންތައް ކުރިމަތިވެވަޑައިގެންނެވި ވެރިޔަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެފަދަ ހުރިހާ ހާލަތެއްގައިވެސް ރައީސް ޔާމީން ދެއްކެވި ހިތްވަރަށް ސާބަސް ދަންނަވާ ކަމަށް ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީނަށް ތައުރީފު ކުރައްވާ ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމަކީ ބިޔަ ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި ފަސޭހަ ވަގުތުތައް މަދުވެފައި ނުތަނަވަސްވެ ހާސްވާ ވަގުތުތައް ގިނަވާނެ ކަމަށެވެ. ވެރިކަމަކީ ބިޔަ ބޮޑު މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ ވެރިކަމަކީ ފަސޭހަ ވަގުތުތައް މަދުވެފައި ނުތަނަވަސްވެ ހާސްވާ ވަގުތުތައް ގިނަ ކަމެއް ކަމަށެވެ.

ޑރ. ޖަމީލަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް އެމަނިކުފާނުގެ ރަނިން މޭޓެއްގެ ހައިސިއްޔަތުން އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގެ ކުރީކޮޅު ޖަމީލަށް ތަފާތު އެކި ތުހުމަތުތަކެއް ކުރެވިގެން ދިޔައެވެ. އަދި އެންމެ ފަހުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައި މަގާމުން ވަކި ކުރެއްވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޑރ. ޖަމީލަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދެއްވައެވެ.

އެއަށްފަހު ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރުވެސް ޖަމީލް ހުންނެވީ އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައެވެ. އެހެންނަމަވެސް މިހާރު އަނެއްކާވެސް ޖަމީލް ފާހަގަވެފައި ވަނީ ރައީސް ޔާމީނަށް ތައުރީފު ކުރައްވާ އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމުން ސަލާމަތް ކުރުމަށްޓަކައި އެންމެ އިސް ރޯލެއް އަދާ ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *