މެލޭޝިޔާގެ އަސްލު ހާލަތު އޮޅުން އަރާ ގޮތަށް ހަބަރު ނުފެތުރުމަށް އިލްތިމާސްކޮށްފި!

މެލޭޝިޔާ-

ދިވެހިން އެންމެ ގިނައިން މިހާރު ތައުލީމު ހާސިލު ކުރަމުން އަންނަ މެލޭޝިޔާގައި، ނުރައްކާތެރި ކޮރޯނާ ވައިރަސް އޮތް މިންވަރާއި އެގައުމު އޮތް ހާލަތާއި ގުޅޭ ގޮތުން ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓު ކުރާއިރު އާއްމުންގެ އިތުރުން ވަކިން ހާއްސަކޮށް މެލޭޝިޔާގައި ތިބޭ ކިޔަވާ ކުދިން ކަންބޮޑުވާ ގޮތަށް ހަބަރު ނުފެތުރުމަށް އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ނޫހަކުން ވަނީ މެލޭޝިޔާގައި ފުރަތަމަ ފަހަރަށް ކޮރޯނާ ވައިރަސް ގައިން ގަޔަށް ފެތުރެން ފަށާފައިވާ ކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން މިހާރު ޗުއްޓީއަށް އައިސް ތިބި އަދި އެނބުރި މެލޭޝިޔާއަށް ދާން ބޭނުންވެފައިވާ އެތައް އާއިލާތަކާއި ކިޔަވާ ކުދިންގެ ހިތްތަކުގައި ބިރުވެރިކަން ވަނީ އުފެދިފައެވެ. މިކަމާއި ގުޅިގެން މެލޭޝިޔާގައި ހުންނަ ހައިކޮމިޝަނުގައި ބައެއް ދަރިވަރުން އަންނަނީ އެ ހަބަރަކީ ތެދު ހަބަރެއްތޯ ބުނެ ސުވާލު އުފައްދަމުންނެވެ.

އެ ސުވާލަކަށް މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ދާދިފަހުން ވަނީ ޖަވާބު ދީފައެވެ. އެގޮތުން ހައިކޮމިޝަނުގެ އިސް އޮފިޝަލަކު ވަނީ އެއީ ދޮގު ހަބަރެއްކަން ކިޔަވާ ކުދިންނާއި ދިވެހި އާއިލާތަކަށް ކަށަވަރު ކޮށްދީފައެވެ.

ހައިކޮމިޝަންގެ އިސް އޮފިޝަލަކު ބުނީ މެލޭޝިއާގެ ހެލްތް މިނިސްޓްރީއާއި ކަމާ ބެހޭ އެހެން ވުޒާރާ ތަކުން ކޮރޯނާ ވައިރަސްގެ އެންމެ ފަހުގެ މައުލޫމާތުތައް ދުވަހުން ދުވަހަށް ދެމުން އަންނަ ކަމަށެވެ. އަދި މެލޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން މިހާތަނަށް ކަންކަން ކޮށްފައިވަނީ ވަރަށް ޒިންމާދާރު ކަމާއި އެކުގައި ކަަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އަދި އެކަން ވޯލްޑް ހެލްތް އޯގަނައިޒޭޝަނުންވެސް ފާހަގަކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި މެލޭޝިއާގެ އަސްލު ހާލަތު އޮޅުން އަރާ ގޮތަށް ހަބަރުތައް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ ހަފްތާގައި ނޫހަކުން ލިޔެފައިވާ ލިޔުމެއް އިތުރަށް ކިޔާލުމުން ސުރުހީގައި ބުނާ އެއްޗަކާއި ލިޔުމުގައިވާ އެއްޗަކާއި ދިމާ ނުވާކަން އެނގިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިއްޔެގެ ނިޔަލަށް މެލޭޝިޔާއިން ކޮރޯނާ ވައރިސްޖެހިފައިވަ މީހުންގެ އަދަދުވަނީ 15 އަށް އަރާފައެވެ. އަދި އޭގެތެރެއިންް އެކަކު ވަނީ އެ ބަލިން ސަލާމަތްވެފައެވެ. ކޮރޯނާ ވައިރަހާއި ގުޅިގެން މެލޭޝިޔާގައި ދިރިއުޅޭ ރާއްޖޭގެ ކިޔަވާ ކުދިންގެ ހާލަތު، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގައި ހައި ކޮމިޝަނުންނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީންވެސް އަންނަނީ ވަރަށް ގާތުން ބަަލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *