ރާއްޖެއިން މިއަދުވެސް 121 މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާ ގޮތުގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދުވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އެއީ 102 މީހުންނެވެ. ރިސޯޓުތަކުން 15 މީހަކު ޕޮޒިޓިވްވިއިރު އަތޮޅުތަކުން ޕޮޒިޓިވްވެފައި ވަނީ ހަތަރު މީހުންނެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 16،276 އަށް އަރާފައިވާ ކަމަށެވެ. އަދި މިހާރު ބަލި ޖެހިގެން ފަރުވާ ދޭ މީހުންގެ އަދަދު 1،879 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިވަގުތު ބަލި ޖެހިގެން 178 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ބަލީގައި މިހާތަނަށް 53 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑް19އާއި ދެކޮޅަށް ރާއްޖޭގައި ޖަހަން ފެށި ވެކްސިން މިއަދުވެސް ގިނަ ބަޔަކު ޖަހާފައިވެއެވެ. އެގޮތުން މިއަދު ވެކްސިން ޖަހާފައިވަނީ ޖުމްލަ 742 މީހުންނެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް 1578 މީހުން ވަނީ ކޮވިޝީލްޑް ވެކްސިން ޖަހާފައިއެވެ. މާލެ އޭރިއާގައި ހުންނަ ވެކްސިނޭޝަން ސެންޓަރުން ކޮވިޑް ވެކްސިން ޖަހާފައިވަނީ ޖުމްލަ 1309 މީހުންނެވެ. ރަށްތަކުން މިއަދު ވަނީ 99 މީހަކު ވެކްސިން ޖަހާފައެވެ. އަތޮޅުތަކުން މިހާތަނަށް ޖުމްލަ 269 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ.