9 ކިލޯގެ މަސްތުވާތަކެއްޗާއި އެކު 8 މީހަކު ހައްޔަރުކޮށްފި

ފުލުހުން މީގެކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތިތަކެއް --

ނުވަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު އަށް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މިއީ ދެ އޮޕަރޭޝަނެއްގައި ފުލުހުން އަތުލައިގެން އެއްޗެއްސެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި ތިން މިލިއަނަށްވުރެ ގިނަ ރުފިޔާވެސް ހޯދާފައިވާ ކަމަށެވެ. މިއީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މަސްތުވާތަކެތި ވިއްކާ މީހުން ހޯދުމަށް ފުލުހުން މިދިޔަ މަހުގެ 31ވަނަ ދުވަހާއި އިއްޔެ ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މިދިޔަ މަހުގެ ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި ވަނީ ފަސް ގެއެއް ބަލާ ފާސްކޮށްފައެވެ. އަދި އިއްޔެ ފުލުހުން ހަތަރު ގެއަކާއި ސައިކަލެއް ބަލާ ފާސްކުރިއެވެ. މި ދެ އޮޕަރޭޝަނުންވެސް ފުލުހުން މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.

އެ އޮޕަރޭޝަންގައި އަށް ދިވެހި ފިރިހެނުން ވަނީ ހައްޔަރުކޮށްފައެެވެ. އޭގެ ތެރޭގައި 25 އަހަރުގެ ތިން ފިރިހެނުންނާއި 23 އަހަރާއި 24 އަހަރާއި އަދި 25 އަހަރުންގެ ތިން ފިރިހެނުންނާއި 37 އަހަރާއި 50 އަހަރުގެ ފިރިހެނެއް ހިމެނެއެވެ.

އެ އޮޕަރޭޝަންގައި 1،522،785 ރުފިޔާއާއި 173،831 ޔޫއެސް ޑޮލަރު އަތުލައިގެންފައިވެއެެވެ.

އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްއިން މިހާރު އިތުރަށް ދަނީ ތަހުގީގްކުރަމުންނެވެ.

ފުލުހުން އަންނަނީ ދޭތެރެ ދޭތެރެއިން މަސްތުވާތަކެތީގެ މިފަދަ ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންނެވެ. ދާދިފަހުން ފުލުހުން ވަނީ މަސްތުވާތަކެތި ވިއްކާ އެތަކެތި ބޭނުންކުރާ އެތައް ތަނެއް ބަލާ ފާސްކޮށްފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.