އައިއެސްގެ ރާއްޖޭގެ ލީޑަރު އަމީން، ގޭ ބަންދަށް ބަދަލުކުރަން އަމުރުކޮށްފި

އިންޓާރޕޮލްއިން އަމީން ހޯދުމަށް ނެރެފައިންކަމުގެ ފޮޓޯ

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ރާއްޖޭގެ ލީޑަރު ކަމަށް ބުނާ މުހައްމަދު އަމީން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ކޮށްފައި އޮތް އަމުރު މުރާޖާކޮށް އޭނާ ގޭ ބަންދަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. ނުރައްކާތެރި “ޓެރަރިސްޓެއް” ކަމަށް ފުލުހުން ތުހުމަތު ކުރާ އަމީން ގެއަށް ބަދަލު ކުރީ އޭނާގެ ސިއްހީ ހާލަތަށް ބެލުމަށްފަހުގައެވެ.

އޭނާ ހައްޔަރު ކުރީ ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގަ އާއި ރާއްޖެއިން ބޭރަށް ހަނގުރާމައަށް މީހުން ފޮނުވާ ކަމުގެ ތުހުމަތުގައެވެ. ޏ. ފުވައްމުލަކަށް ނިސްބަށްވާ އަމީން ގޭ ބަންދަށް ބަދަލު ކުރީ މިއަދުގެ ވަގުތެއްގައެވެ.

އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައި ވަނީ ޓެރަރިޒް ޖަމާއަތެއްގައި ބައިވެރިވެ ނުރައްކާތެރި ޓެރަރިޒްމްގެ އަމަލެއް ކުރަން ރޭވުމުގެ ތުހުމަތުގައިއެވެ.

އަމީން ގެއަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ އެ ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލެވެ. ޝަކީލު ނެރުއްވި އަމުރުގައި ބުނެފައި ވަނީ އޭނާއަކީ ރާއްޖެ ބަލި ނުވަތަ ‘އާރތްރައިޓިސް’ ހުންނަ މީހެއް ކަމަށާއި ރާއްޖެ ބަލީގެ ސަބަބުން އެކަށީގެންވާ ފަރުވާ ނުލިބޭތީ އާއި ގޮޅިން ނިކުމެ އެކަށީގެންވާ ކަސްރަތު ކުރުމުގެ ފުރުސަތު އޭނާއަށް ލިބިފައިނުވާ ކަމަށެވެ.

އަމީން ގޭ ބަންދަށް ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުގައެވެ. އެއީ ޝަރީއަތަށް އެއްބާރުލުން ދިނުމާއި ތުހުމަތު ކުރެވިގެން ހައްޔަރު ކުރެވުނުފަދަ ޓެރަރިޒަމްގެ އަމަލެއް ކޮށްގެން ނުވާނެ ކަމުގެ ޝަރުތު އޭނާއަށްކޮށްފައިވެއެވެ.

ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ވެސް އަމީން ހައްޔަރު ކުރިއެވެ. އެފަދަ އޭނާ ހޯދަން ހޯދަން ފުލުހުން މަސައްކަތް ފެށުމާއެކު، އޭނާ ވަނީ ރާއްޖެއިން ބޭރަށް ފިލައިގެން ގޮއްސަފައެވެ. އެކަމާ ގުޅިގެން އިންޓާރޕޯލުން އޭނާ ހޯދަން ރެޑްނޯޓިސް ވެސް ނެރުނެވެ. އަމީން އަތުލައިގަނެވިފައި ވަނީ ވަގު ޕާސްޕޯޓެއް ހިފައިގެން ލަންކާއަށް އެތެރެވާން އުޅުމުގެ ތެރެއިންނެވެ.

އަމީނަކީ އެމެރިކާ ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.