ފެބްރުއަރީ 7: ދުވަސް ނިމެން އުޅެނިކޮށް ނަޝީދު ޝުއޫރު ފާޅުކުރައްވައިފި

ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ / އޭޕީ

ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އެންމެ ފުރަތަމަ އެދުވަހުގެ ޝުއޫރު ފާޅުކުރައްވާ ބޭފުޅަކީ އެދުވަހު ވެރިކަމުން އިސްތިއުފާ ދެއްވި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެހެންނަމަވެސް މިއަހަރުގެ ފެބްރުއަރީ ހަތަކަށް އަލިވިލިގެން އައީ ނަޝީދުގެ އެއްވެސް ޝުއޫރަކާއި ނުލައެވެ. އިރު އޮއްސިގެން ދިޔައީވެސް މިފަދައިންނެވެ.

އެހެންނަމަވެސް ފެބްރުއަރީ ހަތްވަނަ ދުވަހު ނިމެން ހަތަރު ވަރަކަށް ގަޑިއިރަށް ވެފައި ވަނިކޮށް ނަޝީދު މިވަނީ އެމަނިކުފާނުގެވެސް ޝުއޫރު ފާޅު ކުރައްވާފައެވެ. ފެބްރުއަރީ ހަތެއްގެ ޝުއޫރު މިފަހަރު ނަޝީދު ފާޅުކުރެއްވީ 2015ވަނަ އަހަރުވެސް ޝުއޫރު ފާޅުކުރެއްވި ބީދައިންނެވެ. އެއީ ލަވައަކުންނެވެ.

"މަ ޗިސްޗިސް ކޮށްލިއަސް، މަ ފިސްފިސް ކޮށްލިއަސް ނެތޭ ވެވޭކަށް ބާގީއަކަށް،" މިއީ މިއަހަރުގެ ފެބްރުއަރީ ހަތެއްގައި ނަޝީދު ކުރެއްވި ޓްވީޓެވެ. މިއީ ފެބްރުއަރީ ހަތެއްގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން މަޝްހޫރު ލަވަ ކިޔުންތެރިޔާ ޝިއުޒް ކިޔާފައިވާ ލަވައެކެވެ. އެދުވަސްވަރު އެމްޑީޕީގެ މެންބަރުންގެ މެދުގައި މިއީ ވަރަށް މަގުބޫލު ލަވައެކެވެ.

ދެހާސް ފަނަރަވަނަ އަހަރު ނަޝީދު ހަތެއް ފެބްރުއަރީގެ ޝުއޫރު ފާޅުކުރެއްވީ ވެސް ކުރިންވެސް ދެންނެވި ގޮތަށް މިފަދައިންނެވެ. އެދުވަހު ނަޝީދު ވިދާޅުވީ "އެރޭ ހާދަ ރުއީމޭ، ހަނދާންވޭ އެ މަންޒަރު، ދުށީ ދާދި ކައިރިން، ނިދާލާފައި ވާތީ،" މިހެންނެވެ.

ފެބްރުއަރީ ހަތެއް އެމްޑީޕީން ފާހަގަކުރަނީ އުފާ ފާޅު ކުރުމުގެ ދުވަހެއްގެ ގޮތުގައެއް ނޫނެވެ. އެހެންނަމަވެސް އެ ޕާޓީން އެ ދުވަސް ފާހަގަކުރަނީ ހިތާމައިގެ ދުވަހެއްގެ ގޮތުގައެވެ. އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލީ ބަގާވާތަކުންނެވެ.

ފެބްރުއަރީ ހަތްވަނަ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި އެމްޑީޕީގެ އިސް މެންބަރުންވެސް އަންނަނީ ތަފާތު އެކި ޝުއޫރުތައް ފާޅު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *