ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީ ތަމްސީލު ކުރައްވާ މެންބަރުންގެ ތެރެއިން މިދިޔަ އަހަރު މަޖިލީހުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވި އެ ސިޓީގެ ހަމައެކަނި މެންބަރަކީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކަމަށް މަޖިލީހުގެ ހާޒިރީން ދައްކައިފިއެވެ.
ރައްޔިތުން މަޖިލީހުގައި އައްޑޫ ސިޓީ ތަމްސީލު ކުރައްވާ ހަތް މެންބަރުން ތިއްބަވައެވެ. އެ މެންބަރުންގެ ތެރެއިން، އިލްޔާސް ލަބީބު ވަނީ މިދިޔަ އަހަރުގެ ތިން ދައުރުގައި މަޖިލީހުން ބޭއްވި ޖުމްލަ 105 ޖަލްސާއަށް ވަޑައިގެންފައެވެ.
އައްޑޫ ސިޓީ މެމްބަރުންގެ ތެރެއިން އެންމެ މަދުން މަޖިލީހަށް މިދިޔަ އަހަރު ވަޑައިގެންނެވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަހުމަދު އަސްލަމެވެ. އޭނާ ވަނީ 15 ޖަލްސާއަކަށް މަޖިލީހަށް ސަލާމް ވިދާޅުވެފައެވެ. އަދި މަޖިލީހަށް ވަކި އެއްޗެއް ނާންގަވައި، 8 ޖަލްސާއަކަށް އަސްލަމް ވަޑައިނުގަންނަވައެވެ.
ދެ ވަނައަށް އެންމެ މަދުން މަޖިލީހަށް ހާޒިރުވި އައްޑޫ މެމްބަރަކީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. އޭނާ ވަނީ 8 ދުވަހު ސަލާމް ވިދާޅުވެފައެވެ. ތިން ވަނައަށް އެންމެ މަދުން މަޖިލީހަށް ހާޒިރުވި އައްޑޫ މެމްބަރަކީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފެވެ. އޭނާ ވަނީ ފަސް ދުވަހު ސަލާމް ވިދާޅުވެފައިވެއެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މަޖިލީހަށް ސަލާމް ވިދާޅުވީ އެންމެ ދުވަހަކުއެވެ. އަދި ވަކި އެއްޗެއް ނާންގަވައި ދެ ދުވަހު އޭނާ މަޖިލީހަށް ވަޑައެއް ނުގަންނަވައެވެ. ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވެސް މަޖިލީހަށް ސަލާމް ވިދާޅުވީ އެންމެ ދުވަހުއެވެ. ކަރަންޓީނުގައި ހުންނެވުމުން 9 ޖަލްސާއަކަށް ނިހާދަށް ވަޑައިނުގެންނެވޭ ކަމަށް މަޖިލީހުގެ ހާޒިރީން ދައްކައެވެ.
މަޖިލީހުގެ ޖަލްސާތަކަށް އައްޑޫ ސިޓީ އިން އިންތިހާބު ވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ހުރިހާ ޖަލްސާއަކަށް ވެސް ވަޑައިގެންނެވި އިލްޔާސް ލަބީބަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުދޫ ދާއިރާ ތަމްސީލް ކުރެއްވި މެންބަރެވެ.