މަޖިލީހުގެ ހާޒިރީ އެންމެ ފުލުގައި ހަތަރު މަހުޖަނުން

މަޖިލީހުގެ ޖަލްސާތަކަށް މިދިޔަ އަހަރު އެންމެ މަދުން ވަޑައިގެންނެވީ ވިޔަފާރިވެރިންގެ ގޮތުގައި ތިއްބެވި މެމްބަރުން-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މުއްސަނދި ހަތަރު މަހުޖަނަކު، މަޖިލީހުން މިދިޔަ އަހަރު ބޭއްވި ޖަލްސާތަކުގެ ހާޒިރީގެ ފުލަށް ވެއްޓިއްޖެއެވެ.

“ހަތާވީސް އޮންލައިން”އިން އެއްކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ތިން ދައުރުގައި ބޭއްވި 105 ޖަލްސާގެ ހާޒިރީގެ އެންމެ ފުލުގައި އޮތީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ. ހަ ރިސޯޓެއް ހިންގަވާ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރުކަން ވެސް ކުރައްވާ ސިޔާމް މިދިޔަ އަހަރު ވަޑައިގެންނެވީ މަޖިލީހުގެ އެންމެ 8 ޖަލްސާއަކަށެވެ.

ހާޒިރީގެ ފުލުގައި ދެން އޮތީ ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ކުރައްވާ އަދި މާމިގިލީ ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް އިބްރާހިމެވެ. ފަސް ރިސޯޓުގެ ވެރިޔާ، ގާސިމް މިދިޔަ އަހަރު ވަޑައިގެންނެވީ މަޖިލީހުގެ 14 ޖަލްސާއަކަށެވެ.

އޭނާއަށްފަހު ހާޒިރީގެ ފުލުގައި ތިން ވަނައަށް އޮތީ “ރެޑް ވޭވް” ވިޔަފާރީގެ ވެރިޔާ، އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)އެވެ. އޭނާ މިދިޔަ އަހަރު 38 ޖަލްސާއަކަށް ވަޑައިނުގަންނަވައެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަދި ޔޮޓް ޓުއާސްގެ ވެރިޔާ، ޖާބިރު ވެސް މިދިޔަ އަހަރު 38 ޖަލްސާއަކަށް ވަޑައިނުގަންނަވައެވެ.

މަޖިލީހުގެ ހާޒިރީގެ ފުލަށް މި ހަތަރު “މަހުޖަނުން” ވެއްޓިފައި ވަނީ މިދިޔަ އަހަރުގެ 11 މަސް ދުވަހުގެ ހާޒިރީ ރިޕޯޓުތަކުގެ ޖުމްލަ ހިސާބު ހަދާލުމުންނެވެ.

ސިޔާމް ވަޑައިގެންނެވީ އެންމެ ކޮމެޓީއަކަށް

ވަކިވަކިން އާންމުކޮށްފައިވާ މަޖިލީހުގެ ހާޒިރީ ރިޕޯޓުތަކުން ދައްކާ ގޮތުން، ތިން ދައުރުގެ ޖަލްސާތަކުގެ ތެރެއިން 79 ޖަލްސާއަކަށް ސިޔާމް ސަލާމް ވިދާޅުވެފައިވެއެވެ. އަދި ވަކިއެއްޗެއް ނާންގަވައި، 18 ޖަލްސާއަކަށް ސިޔާމް ވަޑައިނުގަންނަވައެވެ.

ސިޔާމް ބައިވެރިވެވަޑައިގެންނެވި ކޮމެޓީތަކުގެ މައުލުމާތު ހޯދުމަށް “ހަތާވީސް އޮންލައިން”އިން މަޖިލީހަށް ހުށަހެޅުމުން، ލިޔުމުން ދިން ޖަވާބުގައި ބުނެފައި ވަނީ ސިޔާމް މިދިޔަ އަހަރު ބައިވެރިވެވެވަޑައިގެންނެވީ ކޮމެޓީ އެންމެ ބައްދަލުވުމަކަށް ކަމަށެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، މަޖިލީހުން “ހަތާވީސް”އަށް ދީފައިވާ މައުލޫމާތުތަކުގައި ބުނެފައި ވަނީ އިގްތިސާދީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ (241 ކޮމެޓީ) އާއި އިމްތިޔާޒާއި ސުލޫކު ކޮމެޓީ އާއި ބަޖެޓް ކޮމެޓީގެ މެމްބަރުކަން އޭނާ ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ހާޒިރުވެވަޑައިގެންނެވީ އިގްތިސާދީ ކޮމެޓީގެ ބައްދަލުވުމަކަށް އެކަނި ކަމަށް މަޖިލީހުން ބުންޏެވެ.

ކޮވިޑާއެކު، ގާސިމް ޖަލްސާތަކުގައި ބައިވެރިވުން ހުއްޓުނު

މަޖިލީހުން އާންމުކޮށްފައިވާ ހާޒިރީ ރިޕޯޓުތަކުން ދައްކާ ގޮތުން ގާސިމް މަޖިލީހަށް ހާޒިރުވުން މަޑުޖެހިގެން ދިޔައީ ކޮވިޑް19އާ ގުޅިގެން ރާއްޖެ ލޮކްޑައުންކުރި ދުވަސްވަރުން ފެށިގެންނެވެ. އެގޮތުން އޭޕްރީލް މަހު ބޭއްވި އެއްވެސް ޖަލްސާއަކަށް އޮންލައިންކޮށް ވެސް ގާސިމް ބައިވެރިވެ ވަޑައިނުގަންނަވައެވެ.

މުޅި އަހަރު ދުވަހުގެ ތެރޭގައި ގާސިމް ވަނީ 91 ޖަލްސާއަކަށް ސަލާމް ވިދާޅުވެފައެވެ.

މިދިޔަ އަހަރު ތެރޭގައި ގާސިމް އާ ކައިވެންޏެއް ބައްލަވައިގެންފައިވާއިރު، އޭނާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ވެސް އަމިއްލަ ރިސޯޓެއްގައެވެ.

“ހަތާވީސް އޮންލައިން”އިން އެދިގެން މަޖިލީހުގެ އިދާރާއިން ދީފައިވާ ކޮމެޓީތަކުގެ ހާޒިރީން ދައްކާ ގޮތުން ގާސިމް ހިމެނިވަޑައިގަންނަވާ ތިން ކޮމެޓީއަކުން މިދިޔަ އަހަރު 140 ބައްދަލުވުން ބާއްވާފައިވައިރު، އޭނާ ވަޑައިގެންނެވީ ހަތް ކޮމެޓީ ބައްދަލުވުމަކަށެވެ. ގާސިމް މެމްބަރުކަން ކުރައްވާ ތިން ކޮމެޓީއަކީ އިގްތިސާދީ ކޮމެޓީ އާއި ގައުމީ ސަލާމަތުގެ ކޮމެޓީ އާއި ބަޖެޓް ކޮމެޓީއެވެ. އިގްތިސާދީ ކޮމެޓީގެ ހަ ބައްދަލުވުމަށް ގާސިމް މިދިޔަ އަހަރު ވަޑައިގެންފައިވާއިރު، ދެން އޭނާ ވަޑައިގެންނެވި ގައުމީ ސަލާމަތުގެ ކޮމެޓީގެ އެންމެ ބައްދަލުވުމަކަށެވެ.

ކަރަންޓީނާ ގުޅިގެން، މެމްބަރުން މަޖިލީހާ ދުރަށް

މިދިޔަ އަހަރުގެ ތިން ދައުރުގައި 25 މެމްބަރަކު ކަރަންޓީނުގައި ތިއްބެވިއެވެ. އެންމެ ގިނަ ދުވަހު ކަރަންޓީނުގައި ހުންނެވި ކަމަށް ހާޒިރީ ރިޕޯޓުން ދައްކަނީ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދެވެ. އޭނާ ތިން މަސް ވަންދެން ކަރަންޓީނުގައި ހުންނެވި ކަމަށް ހާޒިރީ ރިޕޯޓުން ދައްކައެވެ. އެއީ މިދިޔަ އަހަރުގެ ޖޫން، ޖުލައި، އޮގަސްޓެވެ.

ދެން އެންމެ ގިނައިން ކަރަންޓީނުގައި ހުންނެވީ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނެވެ. އޭނާ ކަރަންޓީނުގައި ހުންނެވީ17 ދުވަހުއެވެ.

އެޑިޓަރުގެ ނޯޓު: މި ޚަބަރުގައި ހާޒިރީގެ އެންމެ ފުލަށް ދިޔަ މެމްބަރުންގެ ތެރޭގައި ކަރަންޓީނުގައި ތިބި މުއްދަތު ގުނާފައި ނުވާނެއެވެ. ހާޒިރީގެ ފުލަށް ދިޔަ ކަމަށް ނިންމާފައި ވަނީ މަޖިލީހަށް ސަލާމް ފޮނުއްވެވި މެމްބަރުންނާއި ވަކި އެއްޗެއް ނާންގަވައި މަޖިލީހަށް ވަޑައިނުގެންނެވި ދުވަސްތައް ހިމަނައިގެންނެވެ. އެގޮތުން ބަލާއިރު، ހާޒިރީގެ ފުލަށް ދިޔައީ މަޖިލީހުގައި ހިމެނޭ ހަތަރު މަހުޖަނެކެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އެ މަހުޖަނުން ހޮވުނީ އެއްކަލަ ބޯގަޅި ރަށްރަށުގެ މީހުން ޢަތުން ވޯޓު ގަނެގެން! ދެން ދައްކާނެ ވާހަކައެއް ނޯންނާނެ! ހަމަ ތިބެން ޖެހޭނީ!

  2. މަހުޖަނުން ނަކީ މަޖްލިސް ޙާޒިރީ ފުރިހަމަ ނުކުރެވިދާނެ ބައެއް! ފުރަތަމަ ތިވިދާޅުވަނީ އެއީ މަހުޖަނުން ކަމުގައި. ޝައްކެތްނެތް މަހުޖަނުން ތިއްބަވާނީ އެމީހުންގެ ވިޔަފާރީގެ ގިނަކަންތަކެއްގެ ތެރޭ އަވަދިނެތިފައި. ވަރަށް ވަގުތުކުޑަވާނެ އެހެން އަމިއްލަކަންތަކަށްވެސް. ކަންމިހެން އޮތްއިރު ކީއްކުރައްވަންތޯ މަހުޖަނުންނަށް މަޖްލީސް މެމްބަރުންގެ ތަފާތު ދާއިރާތަކުގެ އަޑުއުފުލުމަށް އިންތިޚާބު ކުރައްވަނީ. ފުރުސަތު ދެއްވަންވީ ކިޔަވައިގެން ތިބި ޢިލްމީ ދަރީންނަށް. މަދެއްނޫން ޢިލްމީ ދިވެހި ދަރީން މިޤައުމުގައި. އަޑުގަދަމީހާގެ ރުށްގިނަވާނެއޭ ބުނާ އުސޫލުން. ކަންތައް ކުރެއްވުމުން ވާގޮތް. ތިފެންނަ މެމްބަރުން ކޮންއިރަކުތޯ އިންތިޚާބުން ހޮވި ވަޑައިގަތުމުން އެދާއިރާގެ ރައްޔިތަކާ ބައްދަލުވީ. ނުކުރާނެ. އަނބިންކައިރީ ދަރިންކައިރީ ވަގުތު ހޭދަކުރުމަށް މަހުޖަނުން ތިއްބަވަނީ ނުކުޅެދޭ ބަޔަކަށްވެފައި.

ހިޔާލު ދެއްވާ!

Your email address will not be published.