މިއަދު ވެސް ރާއްޖެއިން 99 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާ ގޮތުގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދުވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އެއީ 82 މީހުންނެވެ. ރިސޯޓުތަކުން 12 މީހަކު ޕޮޒިޓިވްވިއިރު އަތޮޅުތަކުން ޕޮޒިޓިވްވެފައި ވަނީ ފަސް މީހުންނެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 16،155 އަށް އަރާފައިވާ ކަމަށެވެ. އަދި މިހާރު ބަލި ޖެހިގެން ފަރުވާ ދޭ މީހުންގެ އަދަދު 1،833 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިވަގުތު ބަލި ޖެހިގެން 186 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ބަލީގައި މިހާތަނަށް 52 މީހަކު ވަނީ މަރުވެފައެވެ.