ފެބްރުއަރީ ހަތެއް: ހަނދާންތަކާ ދުރަށް ނުދެވި، އުދާސްތައް ބަންޑުންވަނީ!

ދެހާސް ފަނަރަވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު މިދުވަސް ސިފަ ކުރެއްވީ މިފަދައިންނެވެ. "އެރޭ ހާދަ ރުއީމޭ، ހަނދާންވޭ އެ މަންޒަރު، ދުށީ ދާދި ކައިރިން ނިދާލާފަ ވާތީ،" މިހެންނެވެ. މިއަދަކީ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަަމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވިތާ އަށް އަހަރު ފުރުނު ދުވަހެވެެ. ނަމަވެސް "ހަންހާރަ 1" އަލްބަމަށް މައުސޫމް ޝާކިރު ހައްދަވައި، އުމަރު ޒާހިރު ކިޔާފައިވާ މިލަވަ ރައީސް ނަޝީދު އެ ދުވަހު ޓްވީޓު ކުރެއްވި އަސްލު ސަބަބު އަދިވެސް ނޭނގެއެވެ.

ކޮންމެއަކަސް ރައީސް ނަޝީދު އެ ޓްވީޓު ކުރެއްވިތާ ފަސް އަހަރު ފާއިތުވެއްޖެއެވެ. އެމަނިކުފާނުގެ ވެރިކަން ވެއްޓިގެން ދިޔަތާ މިއަދަށް 8 އަހަރު ފުރުނީއެވެ. ނަމަވެސް ހުދު ރައީސް މުހައްމަދު ނަޝީދަކަށްވެސް އަދި ހުދު އެމްޑީޕީގެ އާއްމު މެންބަރުންނާއި މަޖިލިސް މެންބަރުންނަށް އެ ހަނދާންތައް ފިލައިގެން އަދިވެސް ނުދެއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓިގެން ދިޔައީ އެއްވެސް ރައްޔިތަކު ގަބޫލުވެސް ކުރާނެ ފަދަ ގޮތަކަށް ނޫނެެވެ. އެމަނިކުފާނުގެ ވެރިކަން ވެއްޓިގެން ދިޔައީ އޭރުގެ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ނުވަތަ މިހާރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިނުމާއި ގުޅިގެންނާއި އަދި ކުރީގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާއި ގުޅިގެން އޭރު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި އިދިކޮޅު ފަރާތްތައް ކެނޑިޅޭނި ކޮންމެ ދުވަހަކު ކުރަމުން ދިޔަ މުޒާހަރާތައް ނުހުއްޓި ސަލާމަތީ ބާރުތައްވެސް ހުދު ސަރުކާރުގެ އިސްވެރިންނަށް "މައިތިރި" ނުކުރެވޭ ހިސާބަށް ދިއުމުންނެވެ. އެންމެ ފަހުން ރައީސް ނަޝީދު އިސްތިއުފާ ދެއްވީއެވެ.

އެމަނިކުފާނު ވިދާޅުވީ މިފަދައިންނެވެ.

"އަޅުގަނޑަށް މިއަދު ފެންނަ ފެނުމުގައި އަޅުގަނޑު އިތުރަށް ރާއްޖޭގެ ރައީސްކަމުގައި ހުރެއްޖެނަމަ، ރާއްޖޭގެ ރައްޔިތުންނަށާއި އަދި ރާއްޖެއަށް އެތައް ގިނަގުނަ ގެއްލުންތަކެއް ވެދާނެ ކަމަށް ފެންނާތީވެ، އަޅުގަނޑު މިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ކަމުން މިއަދުން ފެށިގެން އިސްތިޢުފާ ދީފިން." މިފަދައިންނެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވުމުން ލޮލުން ކަރުނަ ހިލިގެން ދިޔަ އެތައް ބަޔަކު އަދިވެސް އެ ހަނދާންތައް މި ދުވަހު އަންނަނީ ކުރަމުންނެވެ. އޭގެތެރެއިން އެއް ބޭފުޅަކީ ސަރުކާރު ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.

އަމްރުގެ ޓްވީޓާގައި އޭނާ ވިދާޅުވީ ބަގާވާތް ކުރުމަކީ ފަހުރުވެރިވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ ތާރީހުގައި ލިޔެވޭނެ އަނދިރި ސޮފްހާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ކުރި ކަމާއި އެކަން ކުރާނެ ވާހަކަ ދެއްކުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް އަމްރު ވިދާޅުވިއެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމުގެ އެއްވެސް އެދުމެއް ނެތި ރައްޔިތުންގެ ހައްގުގައި އިއްޒަތާއި ލައްޒަތު ދޫކުރައްވާ ރައީސް މުހައްމަދު ނަޝީދު އެ ދުވަހު ގެޔަށް ވަޑައިގަތީ އެޔަށްވުރެ މާ އުޖާލާ ފަތިހަކަށް އިރު އަރާނެކަން އެމަނިކުފާނަށް ތަސައްވަރު ކުރެވޭތީ ކަމަށެވެ.

މި ދުވަހުގެ ހަނދާންތައް ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް އާކުރި އެއް ބޭފުޅަކަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވެވަޑައިގަންނަވާނެއެވެ. ހަތެއް ފެބްރުއަރީގެ ހަނދާތައް ހަތަރު ފޮޓޯ ގަނޑާއި އެކުގައި ޓްވީޓާގައި ޕޯސްޓު ކުރެއްވުމަށްފަހު އިންތި ވިދާޅުވީ "ސިޔާސީ ވަކި މޮޅެއް ލިބޭނެ ކަމަށް ކުރި ހަރާމް ބޮޑު ބަގާވާތް،" މިފަދައިންނެވެ. މީގެއިިތުރުން އޭނާ ވަނީ ހަތެއް ފެބްރުއަރީއާ ޖެހިގެން އައި އަށެއް ފެބްރުއަރީގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެންވެސް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރައްވާފައެވެ.

 

 

ކޮންމެއަކަސް އެ ދުވަހު ރައީސް މުހައްމަދު ނަޝީދު ގެއަށް ވަޑައިގަތީ ރައްޔިތުންގެ ހައްގުގައިތޯ ނުވަތަ ވެރިކަމުގައި އިތުރަށް އެމަނިކުފާނު ހުރެއްޖެ ނަމަ ދެން ނިކުމެދާނެ ނަތީޖާއާ މެދު ވިސްނާފައިތޯ އެނގިލައްވާނީ ހުދު ރައީސް މުހައްމަދު ނަޝީދަށެވެ. އެހެންނަމަވެސް އެނގިގެން ދިޔަ އެއް ކަމަކީ މީގެ އަށް އަހަރު ކުރިން އަދިވެސް އެމްޑީޕީ މެންބަރުންގެ ހިތްތަކުން ފުހެވިގެން ނުދާ ކަމެވެ.

އެހެންނަމަވެސް އެމްޑީޕީ މެންބަރުންގެ އުދާސްތައް މިވަރަށް ބަންޑުން ކުރާއިރުގައިވެސް ނަޝީދުގެ ބަހެއް ސޯޝަލް މީޑީއާއަކަށް ނުދެއްވައެވެ.

Leave a Reply

Your email address will not be published. Required fields are marked *