ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒް ރާއްޖެއަށް ލިބިއްޖެ

ސިނޮފާމް ވެކްސިން ---

ޗައިނާގެ ސައިނޯފާމް ވެކްސިންގެ 5،000 ޑޯޒް ރާއްޖެ އަށް ލިބިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ނަޒްލާ ވިދާޅުވީ އެ ވެކްސިން އަކީ ރާއްޖެ އަށް ހެޔޮ އެދޭ ފަރާތަކުން ހަދިޔާކުރި ވެކްސިނެއް ކަމަށެވެ. ނަމަވެސް އެ ވެކްސިން މިވަގުތު ހުރީ އެޗްޕީއޭގެ ސްޓޯރުގައި ކަމަށާއި ބޭނުން ކުރަން ފަށާނީ ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެ އިން އިއްޔެ ވަނީ އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖެ ގެނެސްފައިވާ ކޮވިޝީލްޑް ވެކްސިން ޖެހުމުގެ މަސައްކަތް ފަށައިފައެވެ. ރާއްޖޭގައި އިއްޔެ މި ޕްރޮގްރާމް ފައްޓަވައި ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެގޮތުން އެމަނިކުފާނު ވަނީ ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން ވެކްސިން ޖައްސަވާފައެވެ. ދެވަނަ އަށް މަޖިލިސް ރައީސް އަދި ތިންވަނަ އަށް އުއްތަމަ ފަނޑިޔާރު ވެކްސިން ޖެއްސެވިއެވެ. ދައުލަތުގެ ތިންބާރުގެ ބޭފުޅުން ވެކްސިން ޖެއްސެވުމުން ވަޒީރުން މަޖިލީހުގެ މެންބަރުން ވެކްސިން ޖެއްސެވިއެވެ.

އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖެ އަށް ގެނެސްފައިވާ ކޮވިޝީލްޑް ވެކްސިން ޖެހި މީހުންގެ މައުލޫމާތު ހިއްސާކޮށް އެޗްއީއޯސީ އިން ބުނީ އިއްޔެ ޖުމްލަ 282 މީހަކު ވެކްސިން ޖަހާފައިވާ ކަމަށެވެ. މާލޭގައި ވެކްސިން ޖެހުމަށް 6 ތަނެއް ގާއިމް ކޮށްފައިވާއިރު އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައިވެސް އިއްޔެ ވަނީ ވެކްސިން ޖަހަން ފަށާފައެވެ. މިއިން ކޮންމެ ސިޓީއަކުން ވެސް 30 ސިއްހީ ހިދުމަތްތެރިން ވަނީ ވެކްސިން ޖަހާފައެވެ. އެހެންކަމުން މާލެއިން ވެކްސިން ޖަހާފައިވާ މީހުންގެ އަދަދަކީ 222 އެވެ.

ރާއްޖެއަށް ލިބިފައިވާ މިވާ ވެކްސިންގެ 100،000 ޑޯޒް ރާއްޖެ އަށް ވަނީ ލިބިފައެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖެ އަށް އިތުރު ވެކްސިން ގެންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ އިއްޔެ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published.