ފުރަތަމަ ދުވަހު 282 މީހުން ވެކްސިން ޖަހައިފި

ޑރ. މުސްތަފާ ލުތުފީ ކޮވިޑް19 ވެކްސިން ޖައްސަވަނީ ---

ރާއްޖެއިން ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން މިއަދު ޖަހަން ފެށި ކޮވިޝީލްޑް ވެކްސިން 282 މީހަކު މިހާތަނަށް ޖަހާފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

މިއަދު ރާއްޖޭގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން ދައުލަތުގެ ތިން ބާރުގެ ވެރިން ވަނީ ވެކްސިން ޖައްސަވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ޖެއްސެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ ދެވަނަ އަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަދި ތިންވަނަ އަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވެކްސިން ޖެއްސެވިއެވެ.

އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖެ އަށް ގެނެސްފައިވާ ކޮވިޝީލްޑް ވެކްސިން ޖެހި މީހުންގެ މައުލޫމާތު ހިއްސާކޮށް އެޗްއީއޯސީ އިން ބުނީ މިއަދު ޖުމްލަ 282 މީހަކު ވެކްސިން ޖަހާފައިވާ ކަމަށެވެ. މާލޭގައި ވެކްސިން ޖެހުމަށް 6 ތަނެއް ގާއިމް ކޮށްފައިވާއިރު އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައިވެސް މިއަދު ވަނީ ވެކްސިން ޖަހަން ފަށާފައެވެ. މިއިން ކޮންމެ ސިޓީއަކުން ވެސް 30 ސިއްހީ ހިދުމަތްތެރިން ވަނީ ވެކްސިން ޖަހާފައެވެ. އެހެންކަމުން މާލެއިން ވެކްސިން ޖަހާފައިވާ މީހުންގެ އަދަދަކީ 222 އެވެ.

ރާއްޖެއަށް ލިބިފައިވާ މިވާ ވެކްސިންގެ 100،000 ޑޯޒް ރާއްޖެ އަށް ވަނީ ލިބިފައެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ރާއްޖެ އަށް އިތުރު ވެކްސިން ގެންނާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ މިއަދު ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.