އުމަރުގެ ގަދަ ބަސް: ވޯޓުންވެސް މަގުމަތިންވެސް އެމްޑީޕީ ބަލި ކުރެވޭނެ!

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު-

ވޯޓުންވެސް މަގުމަތިންވެސް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަދިވެސް ބަލި ކުރެވޭނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނުތާ މިއަދަށް 8 އަހަރު ފުރުމާއި ގުޅިގެން ނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމާއި އަދި ޖީއެމްއާރަށް ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދިނުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާއިންނެވެ. އެގޮތުން އެ މުޒާހަރާތައް ކޮންޓްރޯލް ނުވެ ސަލާމަތީ ބާރުތަކުންވެސް އެކަމުގައި ރައީސް ނަޝީދަށް އެއްބާރުލުން ނުދޭ ހިސާބަށް ކަންކަން ދިއުމުން ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއެވެ.

މިކަމާއި އުމަރު ނަސީރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، މިއަދަކީ ލާދީނީ ވެރިއެއްގެ ކިބައިން މިރާއްޖެ ސަލާމަތްކުރިތާ 8 އަހަރު ފުރޭ އުފާވެރި ދުވަސްކަމަށާއި، އެމްޑިޕީއަކީ މަގުމަތިންވެސް ވޯޓު ފޮށިންވެސް ބަލި ކުރެވޭނެ ބައެއްކަން ރައްޔިތުންވަނީ ސާބިތުކޮށްދީފަ ކަމަށެވެ. އަދި އިދިކޮޅު ސަފުތައް އާ ލީޑަޝިޕެއްގެ ފަހަތުގަ އަލުން ރުކުރުވާ ލެވިއްޖެނަމަ އަދިވެސް ބަލި ކުރެވޭނެކަމަށް އުމަރު ވިދާޅުވިއެވެ.

މި ފަހަކަށް އައިސް އުމަރު އަންނަނީ އިދިކޮޅު ރަނގަޅު ކުރުމުގެ ވާހަކަތަކެއް ދައްކަމުންނެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމްގެ އެއްވެސް ހަރަކާތަކުން އުމަރު ފެނިވަޑައެއް ނުގަންނަވައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.