ހިތުގެ ހާލަތު ވަަޒަންކޮށްލަން، ކުރަންވީ ކަމަކީ ސިޑިން އެރުން

އަންހެނަކު ސިޑިން އަރަނީ

“ދެ ސިޑިބަރިން އަރަން ދޮޅު މިނެޓް ހޭދަވެއްޖެއްޔާ ތިޔަ ބޭފުޅާގެ ހިތުގެ ސިއްހަަތު މުޅިން ރަނގަޅެއް ނޫން. އެ ހާލަތުގައި ޑޮކްޓަރަށް ދައްްކައިލުން ރަނގަޅު،” ސްޕެއިންގެ ޔުނިވާސިޓީ ހޮސްޕިޓަލް އަ ކުރޫނާގެ ކާޑިއޮލޮޖިސްޓް ޑރ. ޖީސަސް ޕަޓެއިރޯ ސައިންސް ޑެއިލީ އަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވާ ގޮތުގައި ސިޑިން އެރުމަކީ ހިތުގެ ސިއްހަތު ވަޒަންކޮށްލަަން ފަސޭހަ ގޮތެކެވެ. އޭނާ މިހެން ވިދާޅުވީ ދާދިފަހުން ކުރި ދިރާސާއެއްގެ އަލީގައެވެ.

ޑރ. ޕަޓެއިރޯ އިސްކޮށް ހުންނަވައިގެން ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީ އިން ކުރި އެ ދިރާސާގައި ކުރި ކަމީ އާއްމު ދިރިއުޅުމުގެ ހަރަކާތެއް ކަމަށްވާ ސިޑިން އެރުމާއި ލެބޯޓްރީއެއްގައި ކުރި ޓެސްޓްތަކަކާ ގުޅުވައިލައިގެން ހާލަތު ވަޒަން ކުރުމެވެ. ބޭނުމަކީ މީހުންގެ ހިތުގެ ސިއްހަތު ވަޒަން ކުރާނެ އަގުހެޔޮ ގޮތެއް ހޯދުމެވެ. ޑރ. ޕަޓެއިރޯ ވިދާޅުވާ ގޮތުގައި މިއީ ޓްރައިއޭޖަށް އަންނަ މީހުންގެ ތެރެއިން އިތުރަށް ބެލުމަށް ޓަކައި ވަރުގަދަަ ޓެސްޓްތައް ކުރާނެ މީހުން ދެނެގަންނަން ޑޮކްޓަރުންނަށް އެހީއަކަށް ވާނެ ގޮތެކެވެ.

ދިރާސާގައި ބައިވެރިކުރީ ހިތުގެ ކޮރޯނަރީ އާޓަރީއަށް ބައްޔެއް ޖެހިފައިވާ ކަމަށް ބެލެވުނު، ބަލީގެ އަލާމާތްތައް ހުރި 165 މީހުންނެވެ. އެމީހުންގެ ހުރި އަލާމާތްތަކަކީ މޭގައި ރިއްސުމާއި ނޭވާ ކުރުވުން ފަދަ ކަންތައްތަކެވެ. އެމީހުން ލައްވާ ފުރަތަމަ ކުރުވި ކަމަކީ ޓްރެޑްމިލްގައި ހިނގަން ނުވަތަ ދުވަން ޖެއްސުމެވެ. އެގޮތުން ޓްރެޑްމިލްގެ އިންޓެންސިޓީ މަޑުމަޑުން އިތުރުކުރަމުން އެމީހުން ވަރުބަލި ވަންދެން ހިނގަން ނުވަތަ ދުވަން ޖެއްސިއެވެ. އެ ކަސްްރަތު ކުރުމުގައި އެމީހުންގެ ގާބިލުކަން ވަޒަންކުރަން ބޭނުންކުރީ މެޓަބޯލިކް އިކުއިވެލެންޓްސް ( އެމްއީޓީސް)އެވެ. އެގޮތަށް 15 ނުވަތަ 20 މިނެޓް ވަންދެން ޓެސްޓްކުުރުމަށް ފަހު  ސިޑިބަރިއެއްގެ 60 ސިޑިން އަރަން އެމީހުންނަށް ބުންޏެވެ. އެގޮތުން އަރަން ޖެއްސީ ނުދުވެ، އެކަމަކު އެރޭ އެންމެ ބާރަކަށެވެ. އެއަށް ފަހު އެކަމަށް ހޭދަވީ ކިހާ ވަގުތެއްތޯ ބެލިއެވެ.

ރިސާޗަރުން ބެލީ އެކްސަސައިޒް ޓެސްޓްގެ އެމްއީޓީސް އާއި ސިޑިން އެރުމަށް ހޭދަވީ ވަގުތާ ހުރި ގުޅުމެވެ. އެގޮތަށް ބެލި އިރު ސިޑިން އަރަން 40 މިނެޓާއި 45 މިނެޓާ ދެމެދުގެ ވަގުތެއް ހޭދަވީ މީހުންނަށް އެކްސަސައިޒް ޓެސްޓްގައި ލިބުނީ 9-10 އެމްއީޓީސް އެވެ. މީގެ ކުރިން ކޮށްފައިވާ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި 10 އެމްއީޓީސް ލިބޭ މީހުންނަކީ ހިތުގެ ބައްޔެއްގައި މަރުވުމުގެ ފުރުސަތު ކުޑަ ބައެކެވެ. އެވަރު ހާސިލުވާ މީހުން ހިތުގެ ބައްޔެއްގައި މަރުވުމުގެ ނުރައްކާ އޮންނަނީ އަހަރަކު އެންމެ އެއް ޕަސެންޓަށެެވެ.  ނުވަތަ 10 އަހަރުގެ ތެރޭގައި 10 ޕަސެންޓެވެ.

ސިޑިން އެރުމުގައި 1.5 މިނެޓް ހޭދަވީ މީހުންނަށް އެކްސަސައިޒް ޓެސްޓްގައި ލިބުނީ އަށް އެމްއީޓީސް އެވެ. މީގެ މާނައަކީ ހިތުގެ ބައްޔެއްގައި އެމީހުން މަރުވުމުގެ ނުރައްކާ އަހަރެއްގެ ތެރޭގައި 2-4 ޕަސެންޓަށް އޮތުމެވެ. ނުވަތަ 10 އަހަރުގެ ތެރޭގައި އެ ނުރައްކާ 30 ޕަސެންޓަށް އޮތުމެވެ.

ދިރާސާގައި ބައިވެރިކުރިމީހުން އެކްސަސައިޒްކުރި އިރު އެމީހުންގެ ހިތުގެ ހިނގުން ހުރިގޮތް ބަލަން ހިތުގެ އިމޭޖިން ވެސްް ހެދިއެވެ. ކަސްރަތެއް ކުރާ އިރުގައި އާއްމު ހާލަތެއްގައި ހިތް ހިނގާ ނަމަ އެއީ ސިއްހަތު ރަނގަަޅު ހިތެކެވެ. އެގޮތުން ހެދި އިމޭޖިން ވެސް ސިޑިން އެރުމާ އަޅައިކިއެވެ. އެގޮތުން ސިިޑިން އެރުމަށް 1.5 މިނެޓް ހޭދަވީ މީހުންގެ ތެރެއިން 58 ޕަސެންޓް މީހުން ޓްރެޑްމިލް ޓެސްޓްގައި ހެދި އިމޭޖިން އިން އެނގުނީ އެމީހުންގެ ހިތުގެ ހިނގުން ރަނގަޅުނޫންކަމެވެ. އެކަމަކު ސިޑިން އެރުމުގައި ދޮޅުމިނެޓް ހޭދަނުވާ މީހުންގެ ތެރޭގައި އެކަން އޮތީ އެންމެ 32 ޕަސެންޓްގައެވެ.

ޑރ. ޕަޓެއިރޯ ވިދާޅުވާ ގޮތުގައި ޓްރެޑްމިލް ޓެސްޓުން ދެއްކި ނަތީޖާއާއި ސިޑިން އެރުމާ އޮތް މިގުޅުން އާއްމުކޮށް މުޖުތަމައުގެ ތެރޭގައި އޮންނާނީ ހަމަ މިގޮތަށެވެ. އެހެން ނަމަވެސް ހިތުގެ ބަލީގެ އަަލާމާތްހުންނަ މީހުން ޓެސްޓްކުރަން އަދިވެސް ރަނގަޅީ ހިތް ހިނގާގޮތް ބަލަން ހަދާ އިމޭޖިން އެވެ.

އެކަމަކު މިދިރާސާއިން އެނގިފައި މިވާ ހަގީގަތަކީ ހިތުގެ މައްސަލައެއް ހުރިކަމުގެ އަލާމާތެއް ނުފެންނަ ހާލަތުގައި ހޮސްޕިޓަލްތަކަށް ނުގޮސް، އަމިއްލައަށް ވެސް ހިތުގެ ހާލަތު ވަޒަންކޮށްލެެވިދާނެކަމެވެ. އަދި ސިޑިން އެރުމަކީ އެކަމަށް ވަރަށް ފަސޭހަ މަގެއްކަމެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

  1. 60 ސްޓެޕްގެ ސިޑިން އަރަން 45 މިނެޓެއް ނުނަގާނެ ހިނގުމުގެ މައްސަލަ ނެތިއްޔާ. ލިޔުމުގެ ކުށެއް.

ހިޔާލު ދެއްވާ!

Your email address will not be published.