ފަތުރުވެރިޔާ ހައްޔަރުކުރި މައްސަލައިގެ ތަހުގީގު ދެ ދުވަސް ތެރޭގައި ނިންމަނީ

ކ. މާފުށިން އިއްޔެ ފަތުރުވެރިއަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތް ދެ ދުވަހުގެ ތެރޭގައި ތަހުގީގު ކުރަން ނިންމުމަށް ފުލުހުން ނިންމައިފިއެވެ.

އެ މައްސަލަ ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުގެ ޓީމެއް އަންނަނީ މާފުށީގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނީ އެ މައްސަލަ ދެ ދުވަހުގެ ތެރޭގައި ބަލާ ނިންމާ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ރިޕޯޓު ކުރާނެ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ފުލުހުން ބުނީ އަންހެން ފަތުރުވެރިޔާ އާމެދު ފުލުހުން އަމަލުކުރި ގޮތަށް ފަތުރުވެރިއާގެ އިތުރުން އާންމުންގެ ފަރާތުން ވެސް މައާފަށް އެދޭ ކަމަށެވެ.

އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް މިހާރު ފަށައިގެން ކުރިޔަށްދާކަން ފާހަގަކުރައްވާ ފުލުހުންގެ ބަޔާނުގައި ބުނީ އެ މައްސަލާގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުލުހުން ބުނީ ދިވެހި ރައްޔިތުންނާ އެއްފަދައިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ފުލުހުން އިސްކަންދޭ ކަމަށެވެ. އެހެންކަމުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ވެސް، އާންމު ރައްޔިތުން ދިރިއުޅޭ ރަށްތަކުގައި އުޅޭއިރު ހެދިފައިވާ ގަވާއިދުތަކާ އުސޫލުތަކަށް ބޯލެނބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތުން ފުލުހުންނަށް ގިނަބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި ހަމައެއާއެކުގައި އެ ވީޑިއޯ މިހާރު ވަނީ ބޭރު ދުނިޔޭގެ މީޑިއާތަކުގެ ސަމާލު ކަމަށްވެސް އައިސްފައެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.