ޓެލެންޓް ހުރި މީހުންނަށް ޔޫއޭއީ އިން ރަށްވެހިކަން!

ސައިންސްވެރިންނާއި ޑޮކްޓަރުން، އިންޖިނިއަރުން، އާޓިސްޓުން އަދި ލިއުންތެރިން ފަދަ ހުނަރުވެރި ބިދޭސީންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ރަށްވެހިކަން ދޭން ނިންމައިފި އެވެ. މިއީ ގަލްފު ސަރަހައްދަށް މުޅިން އާ ކަމެކެވެ.

ދުބާއީގެ ވެރިޔާ އަދި ޔޫއޭއީގެ ބޮޑުވަޒީރު ޝައިޚު މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމީ އިއްޔެ ވިދާޅުވީ އެގައުމުގައި ތައާރަފްކުރާ ރަށްވެހިކަމުގެ އާ ގާނޫނު އޮންނާނީ އެފަދަ ހުނަރުވެރިންނަށް ރަށްވެހިކަން ލިބޭ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެގާނޫނުގެ ދަށުން ރަށްވެހިކަން ދޭނީ ކޮންކޮން ބަަޔަކަށް ކަން ނިންމާނީ ޔޫއޭއީގެ ކެބިނެޓާއި ކޯޓްތަކާއި އެގްޒެކެޓިވް ކައުންސިލްތަކުންނެވެ. އެ ކަން ނިންމާނީ ރަށްވެހިކަން ދޫކުރާ ކޮންމެ ދާއިރާއަކަށް ވަކިވަކިން އެކުލަވައިލާފައިވާ ކްރައިޓީރިއާތަކަކާ އެއްގޮތަށެވެ. އާ ގާނޫނުގެ ދަށުން ޔޫއޭއީގެ ޕާސްޕޯޓް ހޯދާ މީހުންނަށް އެމީހުންގެ ރަށްވެހިކަން މިހާރުވެސް އޮތް ގައުމުތަކުގައި ވެސް ބޭއްވުމުގެ ފުރުސަތު އޮންނާނެއެވެ.

ޔޫއޭއީ ސަރުކާރާ ހަވާލާދީ އަލްޖަޒީރާ ބުނީ ރަށްވެހިކަމުގެ އާ ގާނޫނުގެ އެއް ބޭނުމަކީ އެގައުމުގައި މިހާރުވެސް ދިރިއުޅެމުންދާ ހުނަރުވެރި މީހުންގެ އަގުވަޒަން ކުރުން ކަމަށެވެ. އަނެއް ބޭނުމަކީ ހުނަވެރި އިތުރުމީހުން އެގައުމަށް ޝައުގުވެރިކުރުވުމެވެ.

ޔޫއޭއީގެ ނޫހެއް ކަމަށްވާ ވަކާލާތުލް އަންބާއު އިމާރާތީ (ވާމް) އާ ހަވާލާދީ ބައިނަލް އަގުވާމީ ނޫސްއެޖެންސީތަކުން ބުނީ ރަށްވެހިކަން ދިނުމުގެ ސްކީމްގައި ބައިވެރިވެވޭނީ އިންވެސްޓަރެއް ނަމަ، އެގައުމުން ބިމެއް ނުވަަތަ އިމާރާތެއް ގަނެފައިވާ މީހުންނަށެވެ. ސައިންވެރިން ނަމަ އެގައުމުގައި ޕެޓެންޓެއް ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ. އަދި އާޓިސްޓުން ނަަމަ އެމީހުން މަަސައްކަތްކުރާ ދާއިރާގައި ޕަޔަނީރުންނަށް ވެފައިވާ މީހުންނަށެވެ.

ނުވަތަ މިލިޔަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ޔޫއޭއީގައި އެގައުމުގެ ހަގީގީ ރަށްވެހިންނަކީ މިހާރުވެސް ކުޑަކުޑަ މައިނޯރިޓީއެކެވެ. އާބާދީގެ ބޮޑު ބަޔަކީ ވަޒީފާ އަދާކުރުމަށް އެހެން ގައުމުތަކުން ގޮސް ތިބި މީހުންނެވެ. އޭގެ ތެރޭގައި ގިނައީ ދެކުނު އޭޝިއާ ސަރަހައްދުން ގޮސްތިބި މީހުންނެވެ.

ޔޫއޭއީގެ ވިސާ ނިޒާމު

ޔޫއޭއީގައި މަސައްކަތްކުރާ ބޭރުމީހުންނަށް މިހާރު ލިބެނީ އެމީހުން ކުރާ މަސައްކަތަކާއި ގުޅުވައިގެން މަދު އަަހަރުތަކަކަށް ދޫކުރާ ވިސާއެެކެވެ. އެކަމަކު ފަހަކަށް އައިސް އެގައުމުގެ ސަރުކާރުން ވަނީ ވިސާގެ ކަންތަތަކުގައި ލުއިތަކެއް ދީފައެވެ. އެގޮތުން ވަކި ބާވަތެއްގެ އިންވެސްޓަރުންނާއި ދަރިވަރުން އަދި ޕްރޮފެޝަނަލް މީހުންނަށް ދިގުމުއްދަތުގެ ވިސާ ދޫކުރެއެވެ. އެގޮތަށް ވިސާ ދޫކުރުމަށް މިދިޔަ އަހަރު ތައާރަފްކުރި  “ގޯލްޑަން ވިސާ” ނިޒާމުގެ ދަށުން ވަކި ހާއްސަ ޑިގްރީތަކެއް އޮންނަ މީހުންނަށާއި ވަކި މަސައްކަތްތަކެެއް ކުރާ މީހުންނަށް 10 އަހަރުދުވަހަށް ވިސާ ދޫކުރެއެވެ.

ޔޫއޭއީގައި ޓެކްސް ނަގާ ވަރު މަދުކަމުންނާއި އެގައުމުގެ ބޮޑެތި އެމިރޭޓްތަކުގައި ހިންގާ ޓޫރިޒަމްގެ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން އެެހެން ގައުމުތަކުގެ މުއްސަނދި ގިނަ ބަޔަކު އެގައުމަށް ޝައުގުވެރިވެއެވެ. އެއާ އެކު އެގައުމުގެ 1.4 މިލިޔަން ރައްޔިތުން ހިމާޔަތްކުރަން މީގެ ކުރިން ގެންގުޅުނު އުސޫލަކީ ވަރަށް މަަދު ހާލަތެއްގައި ނޫނީ ބިދޭސީއަކަށް ރަށްވެެހިކަން ނުދިނުމެވެ. އެގައުމުގެ ރައްޔިތުންނަށް ޓަކައި ރިޒާވްކޮށްފައިވާ ވަޒީފާތައް ވެސް އޮވެއެވެ. ވަރަށްް ހަރުދަނާ ވެލްފެއާ ނިޒާމެއް ވެސް އެމީހުންނަށް ޓަކައި އޮވެއެވެ. އެގޮތުން ހިލޭ ދޭ ތައުލީމާއި ސިއްހީ ފަރުވާ އަދި ހައުސިން ލޯންތަކަށް އެގައުމުން އަހަރަކު އެތައް ބިލިޔަން ޑޮލަރެއް ހަރަދުކުރެއެވެެ.

އަލަށް ތައާރަފްކުރާ ނިޒާމުގެ ތެރެއިން ޕާސްޕޯޓް ލިބޭ މީހުން އެ ވެލްފެއާ ނިޒާމުގެ ތެރެއަށް ވައްދާނެކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ.

ބިދޭސީންނަށް މަގުފަހިކުރުމަށް ޓަކައި އިސްލާމީ ގާނޫނީ ނިޒާމުގެ ތެރެއިން ބައެއް ކަންތައްތައް ދޫކޮށްލަން އުޅޭކަން ވެސް މިދިޔަ ނޮވެމްބަރުމަހު ޔޫއޭއީން އިއުލާނުކުރިއެވެ. ކައިވެނިނުކޮށް އެއްގޭގައި ދިރިއުޅުމުގެ ހުއްދަ ދިނުމާއި ބަަނގުރަލާ ގުޅޭ ގޮތުން ހުރި ގާނޫނުތައް ލުއިކުރުން އޭގެ ތެރޭގައި ހިމެނެއެވެ.

ގަލްފުގެ ގައުމުތަކުގައި އެގައުމުތަކުގެ މީހުންނާއި އާއިލީ ގުޅުމަކުން ގުޅޭ މީހުން ފިޔަވައި އެހެން ބަޔަކަށް ރަށްވހިކަން ދިނުމަކީ އޮންނަ ކަމެއް ނޫނެވެ. ޔޫއޭއީގައި ވެސް ކުރިން އޮންނަނީ އެ އުސޫލެވެ. އެގޮތުން އެގައުމުގައި މިހައިތަނަށް ރަށްވެހިކަން ދެމުން އައީ އެގައުމުގެ ފިރިހެނުން އެެހެން ގައުމުތަކުގެ އަންހެނުންނާ އިނދެގެން ލިބޭ ކުދިންނަށެވެ. އެގައުމުގެ އަންހެނުން އެހެންް ގައުުމުތަކުގެ މީހުންނާ އިނދެގެން ލިބޭ ކުދިންނަށް އޮޓަމެޓިކުން ރަށްވެހިކަމެއް ނުލިބެއެވެ. އެކުދިންނަށް ރަށްވެހިކަން ހޯދަން ޖެހެނީ އެދޭށެވެ. އެކަމަށް އޮންނަނީ ވަރަށް ދިގުދެމިގެންދާ މަރުހަލާތަކެކެވެ. އެކަމަށް ބައެއް ފަހަރު އަހަރުތަކެއް ހޭދަވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.