ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވުމާއެކީ ދިވެހިންނަށް ސްކޮލާޝިޕްގެ ފުރުސަތު!

މިނިސްޓާ ޝާހިދް ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ އާއި ބައްދަލުކުރުން/ ފޮޓޯ: ފޮރިން މިނިސްޓަރީ

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް އަލުން ވުމާއި ގުޅިގެން ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތް ހަމަޖައްސައިފިއެވެ.

މިކަން މިގޮތަށް ހަމަޖެހިގެން ދިޔައީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއިއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބޭއްވެވި ބައްދަލުވުމުގައި، ދިވެހި ދަރިވަރުންނަށް ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނެ މަގުފަހިކޮށްދެއްވުމަށް މިނިސްޓަރ ޝާހިދު އެދިވަޑައިގަތުމާއި ގުޅިގެންނެވެ. މިނިސްޓަރ ޝާހިދުގެ އެދިވަޑައިގަތުމާއި ގުޅިގެން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްވަނީ އެކަމަށް ތާއީދުކުރައްވައި، މިއަދުން ފެށިގެން ކޮމަންވެލްތުގެ ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭނެކަމަށް ނިންމަވާފައެވެ. މި ސްކޮލަރޝިޕްތަކާއި، ސްކޮލަރޝިޕްތަކަށް ކުރިމަތިލުމާއި ބެހޭ މައުލޫމާތު ވަރަށް އަވަހަށް ކޮމަންވެލްތުން ހާމަކުރައްވާނެއެވެ.

ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ އަނެއްކާވެސް ވުމާ ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި އިއްޔެ ދިވެހިރާއްޖޭގެ ދިދަ ވަނީ ނަގާފައެވެ. އަދި މިއަދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ މިނިސްޓަރ ޝާހިދު ވަނީ ލަންޑަންގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތު ސްކޮލަރޝިޕްތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުން ކޮމަންވެލްތާއި އެކު ދިވެހިރާއްޖެއިން މަސައްކަތްކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ޑރ ފަރަހަނާޒް ފައިސަލްއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ސަބްރާ ނޫރައްދީން އާއި، ހައިކޮމިޝަންގެ އިސް އޮފިޝަލުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ އާޒިމްވެސް ބައިވެރިވެވަޑައިގަތެވެ.

Leave a Reply

Your email address will not be published. Required fields are marked *