އަދަދުތައް ދަށެއް ނުވޭ، މިއަދުވެސް 122 މީހުން ޕޮޒިޓިވް

ކޮވިޑް19 އާ ގުޅިގެން ސަލާމަތީ ގޮތުން އަޅަންޖެހޭ ހެދުމެއް އަޅައިގެން ހުރި ފުލުހެއް: ފޮޓޯ / ޕޮލިސް

ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް ދަށަށް ނުދާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުން ވެސް ދައްކައިފިއެވެ. އެގޮތުން މިއަދުވެސް މި ބައްޔަށް ވަނީ 122 މީހުން ރާއްޖެއިން ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާ ގޮތުގައި ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދުވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އެއީ 90 މީހުންނެވެ. ރިސޯޓުތަކުން 25 މީހަކު ޕޮޒިޓިވްވިއިރު އަތޮޅުތަކުން ޕޮޒިޓިވްވެފައި ވަނީ ހަތަރު މީހުންނެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 15،736 އަށް އަރާފައިވާ ކަމަށެވެ. އަދި މިހާރު ބަލި ޖެހިގެން ފަރުވާ ދޭ މީހުންގެ އަދަދު 1،582 އަށް އަރާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިވަގުތު ބަލި ޖެހިގެން 122 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ބަލީގައި މިހާތަނަށް 51 މީހަކު ވަނީ މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.