ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ “ރިޔާސީ އިންތިހާބު” ގެ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި އެޕާޓީގެ ރައީސް ކަމުގެ މަގާމުން މިހާރުވެސް އެޕާޓީގެ ރައީސްކަމުގައި ހުންނެވި ހޯމް މިނިސްޓަރު އިމްރާން ދިފާއު ކުރައްވައިފިއެވެ.
އަދާލަތު ޕާޓީ އިން ވަނީ އެޕާޓީ އިން މިއަދު ބޭއްވި ޕާޓީގެ އެތެރޭގެ “ރިޔާސީ އިންތިހާބު” ގެ ވަގުތީ ނަތީޖާ އާއްމުކޮށްފައެވެ. އެޕާޓީގެ ފަރާތުން ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ ދެ ބޭފުޅުންނެވެ. އެއީ އިމްރާންގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ޑރ. ޒާހިރަށް ލިބިވަޑައިގަތީ 167 ވޯޓެވެ. އަދި އިމްރާނަށް 921 ވޯޓު ލިބިވަޑައިގެންފައެވެ. އޮންލައިންކޮށް ބޭއްވި އިންތިހާބުގައި 1،088 މީހުން ވަނީ ވޯޓުލައިފައެވެ.
އަދާލަތު ޕާޓީ އިން ބުނީ އެޕާޓީގެ ރިޔާސީ އިންތިހާބުގައި 6،866 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށާއި ވޯޓު ލުމަށްޓަކައި 4،556 މީހަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ވޯޓުލާފައިވާ އަދަދަކީ ރަޖިސްޓްރީ ކޮށްފައިވާ އަދަދަށްވުރެ ވަރަށް ދަށް އަދަދެއްކަން ފާހަގަކޮށްލެވެއެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމަށް އިމްރާން އެެންމެ ފުރަތަމަ އިންތިހާބުވީ 2011 ވަނަ އަހަރުއެވެ. ރާއްޖޭގެ 59 ރަށެއްގައި ކުރިއަށް ގެންދިޔަ ސިއްރު ވޯޓުގައި އެފަހަރު އިމްރާނަށް 1731 ވޯޓު ލިބިވަޑައިގެންނެވިއެވެ.
އަދާލަތު ޕާޓީ ރަޖިސްޓްރީކޮށްފައި ވަނީ 2005 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 18 ވަނަ ދުވަހުއެވެ. އެ ޕާޓީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 6436އެވެ.