ރާއްޖޭގައި ބާއްވާ މުޒާހަރާތައް އެންމެ ގާތުން ނޫސްވެރިންނަށް ކަވަރު ކުރެވޭނެ ފުރުސަތު ދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.
އެ ޖަމިއްޔާ އިން އެގޮތަށް ގޮވާލާފައި މިވަނީ އިއްޔެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން މާލޭގައި “އިންސާފު ކޮބާ” އެ ނަމުގައި ބޭއްވި މުޒާހަރާގައި “ޗެނަލް13” ގެ ނޫސްވެރިންނަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބުމުން އެކަމާއި ކަންބޮޑުވުންފާޅުކޮށް ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެމްޖޭއޭ އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން އިންތިޒާމު ކޮށްގެން ބޭއްވި މުޒާހަރާގައި ކުރީ ސަފުގައި އުޅުނު ނޫސްވެރިއަކު ފުލުހުންގެ ސަފުގައި ޖެހި ބިއްމައްޗަށް ވެއްޓުމުން، ބިންމައްޗަށް ވެއްޓުނު ނޫސްވެރިޔާއަށް އެހީވުމައްޓަކައި ދިޔަ އެހެން ނޫސްވެރިޔެއްގެ ލޮލަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށެވެ. އަދި ހަމަ އެފަދައިން، ނޫސްވެރިންގެ ކަންކަން ބެލުމަށް ފުލުހުންގެ މީޑިއާގެ ބޭއްވުމަށް އެދޭ ކަމަށް އެމްޖޭއޭ އިން ބުނެއެވެ.
އެމްޖޭއޭ އިން މިފަދައިން ބުނެފައިވާއިރު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް ވަނީ މިކަމާއި ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އަދި ބުނެފައި ވަނީ ނޫސްވެރިންނަށް ލިބުނު އަނިޔާ ކަމާބެހޭ އިދާރާތަކުން ބެލުމަށްފަހު އެކަމުގައި އެޅެން ހުރި ފިޔަވަޅެއް އެޅުމަށް ގޮވާލައި ކަމަށެވެ.