މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާއިން ލަންކާއަށް ހަދިޔާކުރި 500،000 ކޮވިޝީލްޑް ވެކްސިން ލިބުނުތާ އެއް ދުވަސްފަހުން ވެކްސިން ޖަހަން ފަށައިފިއެވެ.
ލަންކާއަށް ގެނައި ވެކްސިން އިއްޔެ އެންމެ ފުރަތަމަ ޖަހައިފައި ވަނީ އެ ގައުމުގެ ތިން ސިފައިންނާއި ޑޮކްޓަރަކަށެވެ. ލަންކާގެ ސަރުކާރުން ބުނެފައިވާ ގޮތުންނަމަ އެ ވެކްސިން ޖެހުމުގެ ފުރަތަމަ ބުރުގައި ޖުމްލަ 170،000 ފަރުދަކު އެ ވެކްސިން ޖަހާނެއެވެ. މީގެ ތެރޭގައި ހިމެނެނީ 150،000 ހެލްތު ވޯކަރުންނާއި 120،00 ޓްރައި-ފޯސްގެ މީހުނެވެ. މި ބުރުގައި ވެކްސިން ބެހިފައި ވަނީ ލަންކާގެ ހުޅަނގުގައި ހުރ ހަ ހޮސްޕިޓަލަކަށެވެ.
އިންޑިއާއިން ހަދިޔާގެ ގޮތުގައި ލިބުނު 500،000 ވެކްސިންއަކީ ލަންކާގެ ފުރަތަމަ ކޯވިޑް ވެކްސިންއެވެ. އަދި މިއާއެކު ފެބްރުއަރީ މަހުގެ މެދުތެރޭގައި ޗައިނާއިން ވެސް ލަންކާއަށް ގިނަ އަދަދެއްގެ ވެކްސިން ލިބޭނެކަން ވަނީ ޔަގީން ކޮށްފައެވެ. އަދި މީގެ އިތުރުން، ލަންކާއިން ވަނީ ރަޝިއާއާ ވެސް ވެކްސިންގެ ޝިޕްމެންޓްއަކަށް ވާހަކަ ދައްކާފައިއެވެ.
ސްރީ ލަންކާއަށް ކޯވިޑް ވެކްސިން ލިބިފައި މި ވަނީ ކޮވިޑުގެ ހާލަތު އެ ގައުމުގައި ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ. މިދިޔަ ބުރާސްފަތި ދުވަހުގައި ލަންކާއިން އެއް ދުވަހެއްގައި ރެކޯޑު އަދަދަކަށް 892 މީހުން ޕޮސިޓިވްވެފައިވެއެވެ. މިހާތަނަށް ކޯވިޑް-19ގެ ސަބަބުން ލަންކާއިން 297 މީހުން މަރުވެފައިވެއެވެ.