ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ ނަމަ އަންނަ މަހުގެ 8ގެ ކުރިން ކުރަންޖެހޭ

މީގެކުރިން ބޭއްވި އިންތިހާބެއްގައި ވޯޓު ގުނުމުގެ މަސައްކަތް އޮފިޝަލަކު ކުރިޔަށް ގެންދަނީ: ފޮޓޯ / އަވަސް

އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ރަށްވެހިކަން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 8ގެ ކުރިން އެކަން ކުރުމަށް އިލެކްޝަންސް ކޮމިޝަން އިން އެދިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އޭޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލައި، ރަޖިސްޓަރީ ފައިނަލް ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.

ރަށްވެހިކަން ބަދަލު ކުރަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، އަންނަ މަހުގެ 08 ވާ ބުދަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމެވުމަށް އިލްތިމާސްކުރާ ކަމަށް އިލެކްޝަންސް އިން ބުނެއެވެ. އެ ތާރީހަށް ފަހު ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެތީ ރަށްވެހިކަން ބަދަލުވެފައިވާ އަދި އެޑްރެސް ބަދަލުކޮށްފައިވާ ފަރާތްތައް ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާ މުއްދަތުގައި ޝަކުވާ ހުށަހަޅައިގެން އިސްލާހު ކުރުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.