ޕްރިމިއާ ލީގުގައު ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ލިވަޕޫލް ޕޮއިންޓް ތާވަލުގެ ހަތަރުވަނަ އަށް ޖެހިލައިފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗުން ޓޮޓެންހަމްގެ މައްޗަށް ލިވަޕޫލް ކުރިހޯދީ 1-3 ގެ ނަތީޖާ އަކުންނެވެ.
ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި ސޮންގެ ލަނޑުން އެޓީމުން ލީޑު ނެގިއެވެ. ނަމަވެސް ވީއޭއާރް ބެލުމަށް ފަހު އެ ލަނޑު ވަނީ އޮފްސްއިޑް ލަނޑަކަށް ނިންމާފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެޓީމަށް ވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. ހާފް ނިމުމުގެ ކުރިން ލަނޑު ޖަހާ ލީޑު ނެގީ ލިވަލޫލުންނެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ރޮބާޓޯ ފިރްމީނޯއެވެ.
ދެވަނަ ހާފެ ފެށިގެން ދެވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެލެގްޒެންޑްރާ އާނޮލްޑެވެ.
މެޗުގެ 49 ވަނަ މިނެޓުގައި ޓޮޓެންހަމުން ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، 65 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ކާމިޔާބުކުރީ މާނޭއެވެ.
މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު 20 މެޗުން ލިބުނު 37 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރު ވަނައިގަ އެވެ.މެޗުން ބަލިވި ޓޮޓެންހަމް އޮތީ ކުޅުނު 19 މެޗުން ލިބުނު 33 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ.