ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ދަށުން، ދިވެހިރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އަށް މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.
އެ މައްސަލަ އާއި ގުޅިގެން އިއްޔެ ވަނީ އަޑުއެހުމެއް ބާއްވާފައެވެ. މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައަކީ މަޢުޟޫޢީ ގޮތުން ބެލޭނެ މައްސަލައެއްކަން ޓްރައިބިއުނަލް އިން އިއްޔެ ވަނީ ކަނޑައަޅާފައެވެ.
އެ މައްސަލަ އަކީ ބެލޭނެ މައްސަލައެއް ކަމަށް ނިންމުމުގެ ނަތީޖާއަކީ، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދާއި މޮރިޝަސްގެ ހާއްސަ އިގްތިސޯދީ ސަރަޙައްދާ ފުށުއަރާ ދިމާއަކާ ބެހޭގޮތުން ޓްރައިބިއުނަލްގައި މައްސަލަ ކުރިއަށް ގެންގޮސް، މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އެ ސަރަޙައްދާމެދު ގޮތެއް ކަނޑައެޅިގެން ދިއުމެވެ.
މިގޮތުން، ބައިނަލްއަގުވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، އާންމު އުސޫލެއްގެ ގޮތުން އެފަދައިން ފުށުއަރާ ސަރަހައްދާމެދު ގޮތެއް ކަނޑައެޅިގެން ދާނީ ހަމަހަމަ އުސޫލަކުން ދެ ގައުމަށް ލިބޭ ގޮތަށް އިކުއިޑިސްޓެންސްގެ އުސޫލު ބޭނުން ކޮށްގެންކަން ފާހަގަކުރެވެއެވެ.