ނޮވެލް ކޮރޯނާވައިރަސް ހަލުވި ކަމާއެކު ފެތުރެމުންދާ ޗައިނާގެ ވޫހާން ސިޓީއިން ނެރެގެން، އިންޑިއާއަށް ގެންދިޔަ ހަތް ދިވެހީން ވެސް އެ ބައްޔަށް ނެގެޓިވްވެއްޖެއެވެ.
އިންޑިއާއަށް ވަޑައިގެން އުޅުއްވާ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.
ވޫހާނުން އިންޑިއާއަށް ގެންދިޔައީ ދިވެހި ފަސް އަންހެނަކާއި ފިރިހެނަކާއި ކުޑަކުއްޖެކެވެ. އެ މީހުން އިންޑިއާއަށް ގެންގޮސްފައި ވަނީ ވޫހާންގައި ތިބި އިންޑިއާގެ 323 ރައްޔިތުން އަނބުރާ ގައުމަށް ގެންދަން ހަމަޖެއްސި އެއާ އިންޑިއާ ފްލައިޓުގައެވެ.
އެ ދިވެހިން ކަރަންޓީނު ކުރީ މިދިޔަ މި މަހުގެ ދެ ވަނަ ދުވަހު، ދިއްލީ ބޭރުގައި ހުންނަ އިންޑޯ-ޓިބެޓަން ބޯޑާ ޕޮލިސްގެ ޗައުޅާ ކޭމްޕުގައެވެ. މިނިސްޓަރު މާރިޔާ ވަނީ ވޫހާނުން ގެންދިޔަ ދިވެހިންނާމެދު އިންޑިއާ ސަރުކާރުގެ ފަރާތުން ވެދިން އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާއެވެ.