މަޑުޖެހެލުމަކަށް ފަހު އަނެއްކާވެސް ކޮވިޑް19 ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް އަރަން ފެށުމުގެ ސަބަބުން އައިޖީއެމްއެޗްގެ ހިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ފެތުރެން ފެށުމާއި ގުޅިގެން މީގެކުރިން ވެސް އައިޖީއެމްއެޗުގެ ހިދުމަތްތަކަށް ބަދަލުތައް ވަނީ ގެނެސްފައެވެ. އަދި އެ ބަދަލުތަކާއި އެކު ގިނަ ދުވަހު އާއްމުންނަށް ހިދުމަތްތައް ދިނުމަށް ފަހު އާއްމު ހާލަތަށް އެ ހޮސްޕިޓަލް ގެނެސްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.
އައިޖީއެމްއެޗް އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ހޮސްޕިޓަލަށް ވަނުމުގެ ކުރިން ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ހުމާއި ރޯގާ ހުރިތޯ ބަލާ ސްކްރީން ކުރާނެ ކަމަށެވެ. އެ ބަދަލަށް އަމަލު ކުރަން ފެއްޓޭނީ މި މަހުގެ31 ވަނަ ދުވަހުގައިއެވެ. އައިޖީއެމްއެޗްގެ ހިދުމަތް ދިނުމަށް އަންނަ ކޮންމެ ބަދަލެއް ދަރުމަވަންތަ ކޮމްޕްލެކްސް އަށް ވެސް އަންނާނެއެވެ.
މީގެއިތުރުން ބަލި މީހުނަށް ގޮވާލުމަށް ދާ މީހުންގެ ހުމާ ރޯގާވެސް ބެލޭނެ ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ. ޑޮކްޓަރަށް ދެއްކުމަށްޓަކައި އޯޕީޑީއަށް ދާ ފަރާތްތަށް ސްކްރީން ކުރެވޭއިރު ހުމާއި ރޯގާގެ އެއްވެސް އަލާާމާތެއް ހުރި ނަމަ ފްލޫ ކްލިނިކަށް ދިޔުމަށް އިރުޝާދު ދެވޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ހޮސްޕިޓަލު ތެރޭގައި އުޅޭ އިރު ވީހާވެސް ބޮޑަށް ގައިދުރުކަން ބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ޑޮކްޓަރަށް ދައްކާ ފަރާތައް ވެސް ހެނދުނު އަށަކުން މެންދުރު ދޭކަށް ޑޮކްޓަރަށް ދެއްކުމާއި ގުޅޭ ކަންކަން ކޮށް ނިންމާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.