ޔާމީން މިނިވަންކުރަން ސިއްރުން ކުރަންޖެހޭ މަސައްކަތް ވެސް ކުރާނަން: ސުޖާއު

އިދިކޮޅުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ޝުޖާއު ވާހަކަ ދައްކަވަނީ: ޔާމީން މިނިވަންކުރަން ބޭރު ގައުމުތަކާ ވެސް ބައްދަލު ކުރާނެ ކަމަށް ވިދާޅުވި-- ފޮޓޯ/ ސަން

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ސިއްރިއްޔާތުގައި ކުރަންޖެހޭ މަސައްކަތް ވެސް އިދިކޮޅު ފަރާތްތަކުން ކުރާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި “ހަތާވީސް”އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝުޖާއު ވިދާޅުވީ އިދިކޮޅުގެ އެންމެ ފުރަތަމަ އަމާޒަކީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށާއި އެކަން ކުރުމަށް ފާޅުގައި ކުރަންޖެހޭ މަސައްކަތްތަކާއި ސިއްރިއްޔާތުގައި ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ބޭރު ގައުމުތަކާ އެކު ވަރަށް އަވަހަށް ބައްދަލުު ކުރަން ފަށާނެ ކަމަށެވެ.

“…އެއީ ފާޅުގައި ކުރާ މަސައްކަތްތަކާއި ސިއްރިއްޔާތުގައި އަޅުގަނޑުމެން ކުރެވޭ މަސައްކަތްތައް ވެސް އަޅުގަނޑުމެން ކުރާނެ. ސަރުކާރާ ވާހަކަ ދައްކަންޏާ އެކަން ވެސް އަޅުގަނޑުމެން ކުރާނެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ބައްދަލު ޖެހިއްޖެއްޔާ އެކަން ވެސް އަޅުގަނޑުމެން ކުރާނެ،” ބާރަށު ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި ޝުޖާއު ވިދާޅުވިއެވެ.

ކަޅު ދިދަ ހިފައިންގެ، އިންޑިއާއާ ދެކޮޅަށް، ހިންގަމުންދާ “އިންޑިއާ-އައުޓް” ހަރަކާތަށް އިޝާރާތްކޮށް، ޝުޖާއު ވިދާޅުވީ އެ ހަރަކާތަކީ އެ ޕާޓީން ހިންގާ ހަރަކާތެއް ނޫން ކަމަށެވެ. ޝުޖާއު ވިދާޅުވީ “އަޅުގަނޑުމެންނަކީ ހުރިހާ ގައުމަކާ ވެސް ގުޅިގެން” ކުރިއަށްދާ ބައެއް ކަމަށެވެ.

“އަޅުގަނޑުމެން ހިންގާ ހަރަކާތެއް ނޫން. މި ޕާޓީން ހިންގާ ހަރަކާތެއް ނޫން އިންޑިއާ އައުޓް ހަރަކާތަކީ. ނަމެވެސް އަޅުގަނޑުމެންގެ ތެރޭގައި ވެސް ޖަޒުބާތު ހުންނަ ބޭފުޅުން ތިއްބަވާނެ. ޕާޓީއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަކީ ހުރިހާ ގައުމަކާ ވެސް ގުޅިގެން، އެކަން ރައީސް ޔާމީން ސާބިތުކޮށްދެއްވި،” ޝުޖާއު ވިދާޅުވިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިރޭ އިއުލާންކޮށްފައި ވަނީ އަންނަ ހުކުރު ދުވަހު “ކޮބާ އިންސާފު” ނަމުގައި މާލެ އާއި އަތޮޅު ތެރޭގައި ބޮޑު އެއްވުންތައް ބާއްވާނެކަން އިއުލާންކޮށްފައެވެ. ކޮވިޑް19އިން ރައްކާތެރިވާނެ ފިޔަވަޅުތަކާއެކު، މާލޭގައި އެއްވުން ކުރިއަށް ގެންދާނީ ހިނގާލުމެއްގެ ގޮތުގައި ކަމަށް ވަނީ ބުނެފައެވެ. ހުކުރު ދުވަހުގެ ހަވީރު އިދިކޮޅުން ހިނގާލުން ފަށާނީ ސޯޝަލް ސެންޓަރު ކައިރިންނެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published.