ކޮވިޑް ނަންބަރުތައް ވިދިވިދިގެން ތިން ދުވަހު 100އިން މަތީގައި

ރެންޑަމް ސާމްޕަލް ނެގުމުގައި އެޗްޕީއޭގެ ބޭފުޅުން ހަރަކާތްތެރިވަނީ: ފޮޓޯ / ހަތާވީސް

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިއަދުވެސް 100އިން މައްޗަށް އަރައިފިއެވެ. މިއީ 100އިން މަތީގައި ކޮވިޑް ނަންބަރުތައް އެރިތާ ތިންވަނަ ދުވަހެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަދު ރާއްޖެއިން 145 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ ސަރަހައްދުން 93 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ރިސޯޓުތަކުން މިއަދު 36 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އަތޮޅުތަކުން 14 މީހަކު ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ އާއްމުކުރި މައުލޫމާތުގައިވެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 1،273 އަށް އަރާފައިވާ ކަމަށެވެ. އަދި މުޅި ޖުމްލަ ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 15،247 ހުރަސް ކޮށްފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު 13،916 އަށް ވަނީ އަރާފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 93 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި ބަލީގައި މިހާތަނަށް 51 މީހަކު ވަނީ މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.