އަނެއްކާވެސް އިންތިހާބު ފަސްކޮށްފި، މިފަހަރު އޭޕްރީލް 10ގައި

ސިޔާސީ ޕާޓީތަކާއި އެކުގައި އިލެކްޝަނުން މީގެކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / ހަތާވީސް

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ތާރީހު އަނެއްކާވެސް ފަސްކޮށްފިއެވެ. އޭޕްރީލް 3ގައި ބާއްވަން ނިންމާފައި ވަނިކޮށް، އޭޕްރީލް 10 އަށް އިންތިހާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) ނިންމީ މިއަދުއެވެ.

އެކަން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވަނީ “ހަތާވީސް” އަށް ކަށަވަރުކޮށްދެއްވާފައެވެ. ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވުމަށް އެ ކޮމިޝަނުން މި މަހުގެ 29ވަނަ ދުވަހު މަސައްކަތް ފަށައިގެން ކުރިޔަށް ގެންދާނެ ކަމަށެވެ.

ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަސް ތެރޭގައެވެ. ނަމަވެސް ކޮވިޑް19 ގެ ބަލިމަޑުގެ ސަބަބުން އިންތިހާބު ބޭއްވޭ ގޮތް ނުވީއެވެ. އެހެންކަމުން އެކަމަށް ހައްލެއް ގެނެސްދިނުމަށް ލޯކަލް ކައުންސިލް އިންތިހާބާއި ބެހޭ ހާއްސަ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާ ފާސްކުރިއެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ މެއި މަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެއެވެ.

އެހެންކަމުން އިލެކްޝަންސް އިން މަސައްކަތް ކުރަމުން ދިޔައީ މިއަހަރުގެ މާޗު މަހު އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރުމުން މާޗު މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް އިން ވަނީ ބުނެފައެވެ. އެހެންކަމުން މިހާރު އަނެއްކާވެސް ލޯކަލް ކައުންސިލް އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.

ބިލު ހުށަހެޅިއިރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަންޖެހޭ އުސޫލުތައް ހަތް ދުވަހުގެ ތެރޭގައި ކަނޑައަޅަން ޖެހޭނެ ކަމަށް ބުނެފައިވާ މާއްދާ އަށް “ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަންޖެހޭ އުސޫލުތައް އެކުލަވާލުމުގައި މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބު ބޭއްވޭނެކަން ކަށަވަރު ކުރަންވާނެ” އެފަދައިން ވަނީ އިތުރުކޮށްފައެވެ.

ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ހުރަސްއެޅޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް އިލެކްޝަން ކޮމިޝަނުން އަންގަންވާނެ ކަމަށްވެސް ކޮމެޓީ އިން ބިލަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.