ހުޅުމާލޭގައި ހިނގި ހާދިސާއަކީ ޓެރެރިޒަމްގެ ހަމަލާއެއް ކަމަށް ބެލެވޭ: ފުލުހުން

ހުަޅުމާލޭގައި ތިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ހިނގާދިޔަ ހާދިސާއަކީ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މައި މަރުކަޒު ހުސައިން އާދަމް ބިލްޑިންގ ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުވެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހެޑް އޮފް ސީިރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ ހަމަލާގައި ޓެރަރިޒަމްގެ ގާނޫނަށް ފެތޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެހެންކަމުން އެއީ ޓެރަރިޒަމްގެ ހަމަލާއެއް ކަމަށް "ބެލެވިދާނެ" ކަމަށް ޝިފާއު ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ގާނޫނުގައި ޓެރަރިޒަމްގެ އަމަލުތައް ކަމަށް ބުނެފައިވަނީ:

މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން؛

ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް  ކުރިމަތިކުރުވުން؛

ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން؛

މުދަލަށް ބޮޑެތި ގެއްލުން ދިނުން؛

ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން؛

އާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ ޞިއްޙަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ޙާލަތެއް ކުރިމަތިކުރުވުން؛

މުހިންމު ޢުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ޚިދުމަތެއް މެދުކަނޑުވާލުން.

ޝިފާއު ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނު ނޫނަސް އެ ހަމަލާ އިތުރު އެހެން ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ކުށްތަކަށް ފެތޭ ކަމަށެވެ.

ޝިފާއު ވިދާޅުވީ މި ހަމަލާގައި ޖުމްލަ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހައްޔަރުކުރި އެންމެންނަކީވެސް ދިވެހިން ކަމަށެވެ. އޭނާ ވިދާޅުވީ އަދި މިއީ ތަހުގީގުގެ ވަރަށް ކުރީ ކޮޅު ކަމަށާއި އެހެންކަމުން އިތުރު މާގިނަ މައުލޫމާތުތަކެއް ހިއްސާ ކުރެވެން ނެތް ކަމަށެވެ.

" ހުޅުމާލޭގައި އަންގާރަ ދުވަހުގެ ރޭ ދިން ވަޅީގެ ހަމަލައިގެ ޒިންމާ ނަގާ ކަމަށް ބުނެ ބަޔަކު އާންމުކުރި ވީޑިއޯގެ ސައްހަކަން އަދިވެސް މިދަނީ ބަލަމުން. އެފަދަ ވީޑިއޯތައް ޝެއާ ކުރުމަކީ ގާނޫނީ ކުށެއް. އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެ ކަންކަމަށް ޖާގަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރާނެ. އެއާ ގުޅިގެން ތަހުގީގު ކުރަންޖެހޭ ނަމަ އެ ކަން ކުރާނެ،" މިހާރު ދައުރުވަމުން އަންނަ ވީޑީއޯއާ ގުޅިގެން ޝިފާއު ވިދާޅުވިއެވެ.

މި ހަމަލާގައި ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށްވެސް ވަނީ އަނިޔާވެފައެވެ. އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައި. އަނެއް ދެ މީހުންނަށް އަދިވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

މި ހާދިސާއާ ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުންނާއި ރާއްޖޭގައި އުޅޭ ބިދޭސީންނާއި ރާއްޖެ އަންނަ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެއްވެންހުރި ހުރިހައި މަސައްކަތެއް ސަރުކާރުން ކުރައްވާނެކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *