ދިވެހި ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުމުގެ ނިޒާމު ހަރަދަނާ ވެގެން އަންނައިރު ސިފައިންގެ ތައުލީމީ ފެންވަރާއި، އެ މީހެއްގެ ސިފަވަންތަ އަހުލާގާއި، ނަތީޖާ ނެރެދޭ މިންވަރާއި، ހުނަރުވެރި ކަމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ބަންޑާރަ ކޮށީގައި މިއަދު ސިފައިންގެ ބޭކަލުންނަށް ޕްރޮމޯޝަން ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސިފައިންނަށް މަގާމުގެ ކުރިއެރުން ދިނުމުގައި ވެސް، ޒަމާނީ އަސްކަރިއްޔާތަކުގައި އެކަން ކުރަމުން އަންނަ ގޮތް ބަލައި، އެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދިވެހި ސިފައިންނަކީ ގާބިލު އަދި ހުނަރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވަނީ ސިފައިންނަށް ބޭނުންވާ އުޅަނދުފަހަރާއި އަސްކަރީ އާލާތްތައް ހޯދާ ޒަމާނީ ވަސީލަތްތައް ގާއިމުކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ހަމައެއާއެކު، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހި ސިފައިން ތަމްރީންކުރުމުގެ މަސައްކަތް، ކުރިއަށްވުރެ އިތުރުކޮށްފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ ވެލްފެއާ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި އެ މަނިކުފާނު ވަނީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް، ދިވެހި ސިފައިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.