ލޯކަލް ކައުންސިލް އިންތިހާބު ލަސް ކުރުމަށް މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ރައްޔިތުން ކުރާ އިތުބާރު ގެއްލި އެޕާޓީގެ ކެންޑިޑޭޓުންނަށް ރައްޔިތުން ތާއީދު ނުކުރާނެކަން އެނގޭތީ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ބުނެފިއެވެ.
އެ ކޯލިޝަން އިން މިއަދު ވަނީ އިންތިހާބު އަވަސް ކުރުމަށް ގޮވާލާ މާލޭގައި އިހުތިޖާޖު ވެސް ކޮށްފައެވެ. އެ އިހުތިޖާޖުން ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާއިރު އެ ހުރިހާ އެންމެން ވަގުތުން ދޫކޮށްލުމަށް އިދިކޮޅުން ވަނީ ގޮވާލައިފައެވެ.
އިދިކޮޅު ކޯލިޝަން އިން ވަނީ އެ ހުރިހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް ގޮވާލައިފައެވެ.
އިދިކޮޅުން ބުނީ އިލެކްޝަންސް ކޮމިޝަން ހިމެނޭ ސަރަހައްދަކީ ގްރީން ޒޯނެއް ނޫން ކަމަށެވެ. އެ ސަރަހައްދަށް އެއްވެ ތިބި އެ ކޯލިޝަންގެ ސަޕޯޓަރުން އަޑު އުފުލަމުން ދިޔައީ ސުލްހަވެރިކަމާއެކުގައި ކަމަށް ވެސް އިދިކޮޅުން ބުންޏެވެ. ގާނޫނުއަސާސީން އަދި ގާނޫނުތަކުން ލިބިދޭ އަސާސީ ހައްގަކަށް ހުރަސް އެޅިކަމާއި ނަހަމަ ގޮތުގައި ފުލުހުން ބާރުގެ ބޭނުން ކުރި ކަމުގެ މައްސަލަ އުފުލާނެ ކަމަށްވެސް އިދިކޮޅުން ބުންޏެވެ.
އިދިކޮޅު ކޯލިޝަން އިން ކުރިޔަށް ގެންދިޔަ މި އިހުތިޖާޖުގައި އެ ކޯލިޝަން ވަގުތީ ގޮތުން ލީޑު ކުރައްވަމުން ގެންދަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއުގެ އިތުރުން އެ ކޯލިޝަންގެ ކައުންސިލް ބައެއް މެންބަރުންނާއި ސަޕޯޓަރުން ހިމެނޭހެން ޖުމްލަ 24 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.